ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މުބާރާތެއް އިޢުލާނުކޮށްފިއެވެ.
މާލީ ހޭލުންތެރިކަމާއި އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ މަޤްޞަދުގައި މަރުކަޒީ ބޭންކުން ބާއްވާ މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ހުޅުވާލާފައެވެ.
މި މުބާރާތް ފަރުމާކޮށްފައިވަނީ ބައިވެރިވާ ފަރާތްތަކަށް މިހާރުގެ މާލީ ގޮންޖެހުންތަކަށް ހައްލުތައް އިލްމީ އަދި ދިރާސީ ނަޒަރަކުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާ ގޮތަށެވެ. އެގޮތުން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް 2 ބަޔަކަށް ގިންތި ކޮށްފައިވާއިރު ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމިކް ފައިނޭންސިންގެ އާ ހައްލުތަކަށެވެ.
އެމްއެމްއޭ އިން ބުނީ މި ގިންތި ހާއްސަކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށްކަމަށާއި، އެފަރާތްތަކުން ޝަރީޢާއާ އެއްގޮތްވާ ޙައްލުތަކުގެ ޒަރީޢާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ޚިޔާލުތަކާއި ނަމޫނާތަކަށްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން 5 ހަރާކާތެއް ކުރިއަށްދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އޭގެތެރޭގައި، ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނެއެވެ.
18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި، 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވެނެކަމަށާއި ނަމަވެސް މުބާރާތުގައި އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަކަށް ބައިވެރިއެއް ނުވެވޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި ގިންތީން އިމްޕެކްޓް ޕިޗް ޗެލެންޖް ކާމިޔާބުކުރާ ފަރާތްތަކަށް 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ހަމަޖެހިފައިވާއިރު، މީގެ އިތުރުން ފަންޑިންގ، މެންޓަރޝިޕް ފުރުޞަތުތައް ލިބިދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ..
އެމްއެމްއޭއިން ވިދާޅޫވީމި މުބާރާތުގެ ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މަޢުޟޫއަށްކަމަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށެވެ.
މީގެއިތުރުން އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތައް ހިމެނޭކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭއިން ބުނީ މި ބައިގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ހިމެނޭކަމަށާއި، މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100،000 ރުފިޔާގެ ފަންޑަކަށްކަމަށް އެމްއެމްއޭއިން ބުނެއެވެ.

