ހދ. މަކުނުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަކުނުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫގައި އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދަތުރުފަތުރުކުރުމަށް ލިބޭ ކުރިއެރުމުގެ ސަބަބުން މަކުނުދޫގައި އިގްތިސޯދީ ތަރައްގީ އެހެން ހަރުފަތަކަށް ގެންދިއުމަށް ރައްޔިތުންނަށް ލިބޭނެ ވަރަށް މުހިންމު ވަސީލަތަކަށްވެ ވަރަށް މުހިންމު ދޮރާށްޓަކަށް އެއާޕޯޓްވެގެންދާނެ ކަމަށެވެ.
އެ މަޝްރޫއު ވަރަށް ކާމިޔާބުކަމާއެކު ހަލުވި ކަމާއެކު ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އަދި ދެން އެމަނިކުފާނު މަކުނުދޫއަށް ވަޑައިގަންނަވާނީ އެއާޕޯޓް ހުޅުވައިދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގް ވިދާޅުވީ މަކުނުދޫގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަހެރިކޮށް އެ ރަށް އޮތުން ކަމަށެވެ. އެ ރަށުގައި ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން މަކުނުދޫގެ ރައްޔިތުން ބޭނުންވާ އެއާޕޯޓު މަސައްކަތް ކުރުމަށް ހަވާލުކުރުމަކީ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވެގެންދިއުން ކަމަށް ވެސް ޝަފީގް ވިދާޅުވިއެވެ.
މިއަދު އެމްޓީސީސީއާއި އެކުވި އެއްބަސްވުމުގެ ދަށުން 1800 މީޓަރުގެ ދިގު ރަންވޭއަކަށް ވާވަރަށް ބިން ހިއްކާނެވެ. އަދި ރަށުގެ ބޭނުންކަމަށް 22 ހެކްޓަރުގެ ބިން ހިއްކާނެވެ. އެ މަޝްރޫއު ނިންމާލާނީ އެއާޕޯޓުގެ އިންފްރާސްޓަކްޗާގެ މަސައްކަތާއިއެކުގައިއެވެ. އަދި އެއާޕޯޓް ނިންމުމަށް ފަހުގައި ހިންގުމަށް ސަރުކާރުން ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއަށެވެ.
