ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި ކާބޯތަކެތި ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، ފާއިތުވީ ރަމަޟާން މަހާ ދިމާކޮށް، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ 'އަގުމަގު' ގެ ނަމުގައި ޕޯޓަލްއެއް ތައާރަފްކޮށްފަ އެވެ. މި ޕޯޓަލް ބޭނުންކޮށްގެން ބާޒާރުގައި ތަކެތީގެ އަގުތައް ފަސޭހަކަމާއެކު ބަލައިލެވޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، 'އަގުމަގު' ޕޯޓަލްގައި ހިމެނޭ އަގުތަކަކީ ރެންޑަމް އިންސްޕެކްޝަނާއި ޕޯޓަލްގައި ބައިވެރިވާ ވިޔަފާރިތަކުން ހިއްސާކުރާ މައުލޫމާތަށް ބިނާކޮށްފައިވާ އަގުތަކެއް ކަމަށެވެ. މިވަގުތު މި ޕޯޓަލްގައި ފެންނަން ހުންނާނީ މާލެ ސަރަހައްދު، އެގޮތުން މާލެ އާއި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ވިއްކާ އަގުތަކެވެ. ނަމަވެސް، ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ފިހާރަތަކުގައި ތަކެތި ލިބެން ހުރި އަގުތައް ވެސް އަދާހަމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕޯޓަލްގައި އަގު ބަލައިލެވޭ ބައެއް ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ކާނާ އަދި ނެޕީ، މަހާއި މަހުގެ އުފެއްދުންތައް، މޭވާ އާއި ތަރުކާރީ އަދި ގެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނެ އެވެ. މި ބާވަތްތައް ކަނޑައަޅާފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލައިގެން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

'އަގުމަގު' ޕޯޓަލްގައި އަގު ބަލަން ބޭނުންވާ ތަކެތީގެ ނަން 'ސަރޗު' ކުރެވޭނެ ގޮތާއި، ޕޯޓަލްގައި ތަކެތި ލިސްޓުކޮށްފައިވާ ތިން ކެޓަގަރީ ފިލްޓާ ކޮށްގެން ބެލޭނެ ގޮތް ވެސް ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން، އެ އުފެއްދުމެއްގެ އެކި ބްރޭންޑު ނުވަތަ ބާވަތްތަކުގެ އަގު ވެސް ބަލައިލެވޭނެ އެވެ. އަދި އެ ތަކެތި ވިއްކާ ފިހާރަ އެނގޭނެ ގޮތާއި، ޕޯޓަލްއަށް އެންމެ ފަހުން އަގު އެންޓާ ކުރި ތާރީހު ވެސް ފެންނަން ހުންނާނެ އެވެ.

މިފަދަ ޕޯޓަލެއް ތައާރަފްކުރުމުގެ އެންމެ މުހިންމު މަގްސަދަކީ ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި ކާބޯތަކެތި ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ. މި ޕޯޓަލްގެ އަގުތައް ކޮންމެ ހަފްތާއަކު އެއްފަހަރު އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން އަދާހަމަކުރާނެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ޕޯޓަލްގެ ދެވަނަ މަރުހަލާގައި ވިޔަފާރިވެރިންނަށް އަމިއްލައަށް އެޕްލިކޭޝަންގައި ތަކެތީގެ އަގު ޕޯސްޓްކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. "އެޕްލިކޭޝަން ވެގެންދާނީ އެންމެ ހެޔޮ އަގު ބަލާލަން ބޭނުންވީމަ ބަލާލެވޭނެ އެޕްލިކޭޝަންއަކަށް،" މިނިސްޓަރު ވިދާޅުވި އެވެ. މި ޕޯޓަލްގެ ސަބަބުން ގޭތެރޭގައި ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ އަގުތައް ބާޒާރުގައި ހުރިގޮތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަގުމަގު ޕޯޓަލް : https://agumagu.trade.gov.mv/

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް