ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި، މި ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މެރިކަލްޗަރ ސްކީމް އިފްތިތާހުކޮށްފިއެވެ.

މި ސްކީމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާމަސައްކަތްތައް ފުޅާކުރުމަށާއި އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ސްކީމްގެ ދަށުން، މެރިކަލްޗަރ ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިންނެވެ. މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށްހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސް ފޯރުކޮށްދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރ ސިނާއަތް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، ލުއި ފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމެވެ.މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ގާއިމުކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކުގެ ދޮރުތައް ހުޅުވި އިގްތިސާދީ ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.

މި ފައިނޭންސިންގއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވީދާޅުވީ މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައިކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، ފަސޭހަ އަދި ލުއިގޮތެއްގައި މޫދު ކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު މާލީއެހީތެރިކަމެއް ކަމަށެވެ.

"މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައްއަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އުންމީދުކުރަން. އަދި، ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވެސް، ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެ ކަމެއް. އަޅުގަނޑުމެންގެ އެދުމަކީ، މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗަރސިނާއަތް ހަރުދަނާވެ އިތުރަށް ކުރިއަރައި ތަރައްގީވެގެން ދިއުން" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވީދާޅުވިއެވެ. 

މެރިކަލްޗަރ ސްކީމަށް އެދި ހުށަހެޅުމަށްwww.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، 13 ޑިސެންބަރު 2025 ގައި ހުޅުވާލެވޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް