އެމްޕީއެލްގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ސިފައިންނާ ހަވާލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތައް ވެސް ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކޮށް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް) ގެ ނަން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ނަމަށް މިއަދު ބަދަލުކޮށްފި އެވެ.

އެމްޕީއެލްގެ ދަށުން ހިންގަނީ ރާއްޖޭގެ މައި ޕޯޓު، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ ޕޯޓާއި ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޓެވެ. މިހާތަނަށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އައީ ސީދާ އެމްޕީއެލުންނެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ކަނޑު ބަނދަރުތައް ވެސް ހަވާލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނިޒާމު ގާއިމްކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ ހާއްސަ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ވަކި ހާއްސަ ތަމްރީނުތަކެއް ދީފައިވާ އޮފިސަރުންނާ އެކު ހިންގަމުން އަައި އޭވިއޭޝަން ސެކިިއުރިޓީ ކޮމާންޑުގެ ދަށަށް ކަނޑު ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން މި ހަވާލުކުރީ އެމްޕީއެލްގެ ބައެއް ބަނދަރުތަކުގައި ސެކިއުރިޓީ ބްރީޗް ވުމުގެ ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ.