ބްރޭންޑެޑް އަންނައުނު ވިއްކުމަށްޓަކައި ރެޑްވޭވް ގްރޫޕުން މަޖީދީ މަގުގައި، ސެންޓްރަލް ބައި ރެޑްވޭވް ބަންދުކޮށްފިއެވެ.
ފިހާރައިގެ ބޭރު ދޮރުގައި މެނޭޖްމަންޓުން ހަރުކޮށްފައިވާ ނޯޓިސްއެއްގައި ބުނެފައިވާ ގޮތުގައި ފިހާރަ ބަންދުކުރީ މަރާމާތުގެ ބޭނުމަކަށެވެ. ނަމަވެސް ވިޔަފާރިއަށް އެނގިފައިވާ ގޮތުގައި ބޮޑު ކުލީގައި ހިންގާ އެފިހާރަ ރެޑްވޭވުން ބަންދުކުރީ، ޚަރަދު ދެކޮޅު ނުޖެހި ގިނަ ދުވަސްތަކެއްގައި ހިންގަން ޖެހުމުގެ ސަބަބުންނެވެ.
ބެލެވޭ ގޮތުގައި ރެޑްވޭވުން އެތަން އަލުން ހުޅުވާނީ ތަފާތު ގިނަ ބާވަތްތަކެއްގެ މުދާ ވިއްކާ ގޮތަށް ބަދަލުކޮށްފައެވެ.
ރެޑްވޭވަކީ ކާބޯތަކެއްޗާއި ހޯމް އެޕްލިއެންސް އަދި އިލެކްޓްރޯނިކްސް ރާއްޖެ އެތެރެކޮށް، ރީޓެއިލްކޮށާއި ހޯލްސޭލްކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ.
