ފަލަސްޠީނުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާއާއި މަރުކަޒީ ބޭންކުގެ ގޮތުގައި ޙަރަކާތްތެރިވާ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ފާއިތުވި އަހަރުގެ ތެރޭގައި ފަލަސްޠީނުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސް، ޚާއްޞަކޮށް ޣައްޒާގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. ޔަހޫދީން ފަލަސްޠީނުގެ އާމްދަނީ ހިފަހައްޓާފައިވާތީ، ސަރުކާރު ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރާ އަޅާ ބަލައިއިރު 2025 ވަނަ އަހަރުގެ ތެރޭގައި ޣައްޒާގެ އިޤްތިޞާދު ވަނީ 84 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އިޤްތިޞާދު ވެސް 13 އިންސައްތައިން ވަނީ ހީނަރުވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުގެ ކުރިން އެ ޤައުމުގެ އިޤްތިޞާދީ ޙާލަތާ އަޅައިބަލާއިރު މިހާރުގެ ޙާލަތު ވަނީ އެތައް ގުނެއް ދަށަށް ގޮސްފައެވެ. އެ ޤައުމުގެ އިޤްތިޞާދުގެ ނާޒުކުކަމާއި އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނެތް ކަން އެ ކަމުން ދޭހަވާ ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ. މި އަހަރުގެ ތެރޭގައި ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 77 އިންސައްތައަށްވުރެ މައްޗަށް އުފުލިފައިވާއިރު ވިޔަފާރި މުޢާމަލާތްތަކުގެ ނިސްބަތް ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

ފަލަސްޠީނުގެ އިޤްތިޞާދަށް މިހާ ބޮޑު އަސަރެއް ކޮށްފައިވަނީ ޔަހޫދީންގެ އަނިޔާވެރި ޙަމަލާތަކުގެ އިތުރުން، ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އެެތެރެކުރާ މުދަލުން ނަގާ ޓެކްސްއާއި ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ފަލަސްޠީނުގެ ސަރުކާރަށް ލިބެންޖެހޭ ފައިސާ ޔަހޫދީން ހިފަހައްޓާފައިވާތީއެވެ. މިހާރު ވެސް ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޠީނިއަން އޮތޯރިޓީ (ޕީއޭ) އަށް ލިބެންޖެހޭ މި ފަދަ 4.5 ބިލިޔަން އެމެރިކާ ޑޮލަރު ޔަހޫދީންވަނީ ހިފަހައްޓައިފައެވެ. އޭގެ ސަބަބުން މުސާރަ ދިނުމަށާއި ދަރަނި ޢަދާ ކުރުމަށް ދަތިވެ، ސަރުކާރު ހިންގުމަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އާންމު ދަރަނީގެ ޢަދަދު 14.6 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައިއިރު އެއީ އެ ޤައުމުަގެ އިޤްތިޞާދަށް ވުރެ ބޮޑު ޢަދަދެކެވެ. އެއާއެކު ފަލަސްޠީނުގެ ބަޖެޓު ޑެފިސިޓް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފަލަސްޠީނުގެ ސަރުކާރުން ބުނީ މިހާރު ކުރިމަތިވެފައިވާ ޙާލަތަކީ 1994 ވަނަ އަހަރުގެ ތެރޭގައި ޕީއޭ ޤާއިމްކުރި ފަހުން ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ ދުވަސްތައް ކަމަށެވެ. އިމާރާތް ކުރުމުގެ ދާއިރާއާއި ސިނާޢީ ދާއިރާގެ އިތުރުން ދަނޑުވެރިކަމާއި ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ދާއިރާއަކުން ވެސް އިޤްތިޞާދީ ޙަރަކާތްތައް މަޑުޖެހިފައިވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ.

މި ގޮންޖެހުންތަކާ އެކު ވެސް އިޖުތިމާޢީ ރައްކާތެރިކަން އިތުރުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ވިލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަލަސްޠީނުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. ނަމަވެސް ޔަހޫދީން ފަލަސްޠީނުގެ އާމްދަނީ ހިފަހައްޓަމުންދާ ކަމަށް ވާނަމަ، އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ނުލިބޭނަމަ ފަލަސްޠީނުގެ އިޤްތިޞާދު އިނދަޖެހުން ގާތް ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *