ކެނެޑާއަށް ނިސްބަތްވާ ޒުވާން އުންމީދީ ވިޔަފާރިވެރިއެއް ކަމަށްވާ ޓުއާން ލޭ، އެއްވެސް ރަސްމީ ތައުލީމަކާ ނުލައި ހަމައެކަނި ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯ އެޑިޓްކުރަން ދަސްކޮށް، 1.4 މިލިއަން ޑޮލަރުގެ ކާމިޔާބު ވީޑިއޯ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައިފިއެވެ.
މި ދާއިރާއިން އެއްވެސް ތަޖުރިބާއެއް ނެތި ޓުއާން މަސައްކަތް ފެށީ، އޭނާގެ ހުނަރު އިތުރުކުރުމަށްޓަކައި އެ ސަރަހައްދުގެ ކުދި ވިޔަފާރިތަކަށް އަގުހެޔޮކޮށް ވީޑިއޯ ހަދައިދީގެންނެވެ. ނަމަވެސް އޭނާގެ މި ދަތުރު ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ފުރަތަމަ އަހަރު އޭނާއަށް ލިބުނީ އެންމެ 8،500 ޑޮލަރެވެ. ދެވަނަ އަހަރު ލިބުނު އާމްދަނީ 17،400 ޑޮލަރަށް އެރި ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އޭނާގެ ގިނަ ކްލައިަންޓުންތަކެއް ގެއްލި، ވިޔަފާރިއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވިއެވެ.
މާޔޫސްވުމުގެ ބަދަލުގައި ޓުއާން ނިންމީ މަސައްކަތައިގެން ކުރިއަށް ދާށެވެ. ލޮކްޑައުންގެ ތެރޭގައި ތިންވަނަ އަހަރު އޭނާއަށް ލިބުނީ އެންމެ 12،350 ޑޮލަރު ކަމަށް ވިޔަސް، އެ ހުރިހާ ފައިސާއެއް އަލުން ވިޔަފާރީގެ ތެރެއަށް އިންވެސްޓްކޮށް، އެތައް ހާސް އީމެއިލެއް މެދުވެރިކޮށް ވިޔަފާރި އިޝްތިހާރު ކުރިއެވެ. އޭނާގެ މި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން އެ އަހަރު ނިމުނުއިރު އާމްދަނީ 110،000 ޑޮލަރަށް އުފުލުނެވެ.
ހަތަރުވަނަ އަހަރު ފެށުނުއިރު ޓުއާން ވަނީ ފުރަތަމަ ފަހަރަށް މުވައްޒަފަކު ވަޒީފާއަށް ނެރެ، އާމްދަނީ 350,000 ޑޮލަރަށް އިތުރުކޮށްފައެވެ. އަދި ފަސްވަނަ އަހަރުގެ ތެރޭގައި އޭނާގެ ޓީމު 15 މީހުންނަށް ބޮޑުވެ، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ޚިދުމަތް ދޭން ފެށިއެވެ. އެއާއެކު އޭނާގެ ވިޔަފާރީގެ އަގު ވަނީ 1.4 މިލިއަން ޑޮލަރަށް އަރާފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ޓުއާން ބުނީ، މަސައްކަތް ހުއްޓާލަން އެތައް ފަހަރަކު ހިތަށް އެރި ނަމަވެސް، ކެތްތެރިކަމާއެކު މަސައްކަތުގައި ދެމިހުރުމުން މިއަދު އޭގެ ފޮނި މީރުކަން ލިބިފައިވާ ކަމަށެވެ. "ވިޔަފާރިއެއް ހިންގުމަކީ އަހަރެން މިހާތަނަށް ކުރި އެންމެ އުނދަގޫ، އެކަމަކު އެންމެ ހިތްހަމަޖެހޭ މަސައްކަތް،" އޭނާ ބުންޏެވެ.
ޓުއާންގެ މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. ބައެއް މީހުން އޭނާގެ ހިތްވަރަށް ތައުރީފުކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ އެންމެ 12،000 ޑޮލަރުން 110,000 ޑޮލަރަށް އާމްދަނީ ބަދަލުކޮށްލި ގޮތާ ބެހޭގޮތުން ސުވާލުކޮށްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓުއާންގެ ކާމިޔާބީގެ ސިއްރަކީ ދާއިރާ ބަދަލުނުކޮށް، އެއް ކަމެއްގައި ގިނަ ދުވަހު ސާބިތުވެ ހުރުމެވެ.

