މޫދު އަޑީގައި ރަސްމިއްޔާތެއް ބާއްވައި، މެރިން އެކްސްޕޯގެ ސްޕޮންސަރުންނާއި ޕާޓުނަރުން އިއުލާންކޮށްފި

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ މައުރަޒު، "މޯލްޑިވްސް މެރިން އެކްސްޕޯ 2026″ ޕާޓްނަރުންނާއި ސްޕޮންސަރުން މޫދު އަޑީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއުލާންކޮށްފިއެވެ.

މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި މައުރަޒަކީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މެރިން އެކްސްޕޯއެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގަލްފް ކްރާފްޓެެވެ. މީގެ އިތުރުން ކޯ-ސްޕޮންސަރުންގެ ގޮތުގައި ލިއޯ ސްޓޯރު އެންޑް ސަޕްލައި، އެމްޓީސީސީ، ހިމެނޭއިރު، އެހެން ޕާޓްނަރުންގެ ތެރޭގައި އޯޝަން ގްރޫޕް، ސީގިއާ، މާކިއުރީ (ހަސަން މަރިން)، މެރިން މާސްޓާ، އަލްޝާލީ މެރިން، ޕާމް ޓްރީ މޯލްޑިވްސް، މެކޭނިޒަމް މޯލްޑިވްސް، ހޮންޑާ މެރިން (މެރިން ވައިބް)، އެސްޓީއޯ، އެމްޕީއެލް، އެލައިޑް، އުރީދޫ ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައެއް ދާއިރާތަކުން ޕާޓްނަރުން ބައިވެރިވެ އެވެ.

އަންނަ މަހު 5 އިން 8 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ކަނޑުދަތުރުފަތުރާއި، ބޯޓު ބަނުމާއި، މަސްވެރިކަމާއި، ޑައިވިން އަދި ވޯޓަ ސްޕޯޓްސްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ އެވެ. އަދި އާ އުފެއްދުންތައް ބާޒާރަށް ނެރުމާއި، މި ދާއިރާގެ ޕްރެޒެންޓޭޝަންތައް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ.