ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ފުރާ މީހުންނަށް ލުއިފަސޭހަކަމާއެކު ޑޮލަރު ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ޚިދުމަތުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، އުމްރާ ގްރޫޕްތައް މެދުވެރިކޮށް ދަތުރުކުރާ އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ދެމުންދާނީ އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށެވެ. ޑޮލަރު ގަތުމަށް ބޭނުންވާ ފަރާތްތަކުން ކަސްޓަމާ ސާވިސް ސެންޓަރުން ނަންބަރު ނަގައިގެން ކިއޫ ތަރުތީބުން ޚިދުމަތް ހޯދޭނެއެވެ.
މި އިންތިޒާމުގެ ދަށުން ޑޮލަރު ދޫކުރާނީ އުމްރާ ގްރޫޕްތަކުން ބޭންކަށް ހުށަހަޅާފައިވާ ލިސްޓުގައި ހިމެނޭ އުމްރާވެރިންނަށް އެކަންޏެވެ. ކޮންމެ އުމްރާވެރިއަކަށް ވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 500 ޑޮލަރެވެ. ބޭންކުން ބުނި ގޮތުގައި ޑޮލަރު ގަތުމަށް ފައިސާ ދައްކަން ޖެހޭނީ ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެންނެވެ.
ޚިދުމަތް ހޯދުމަށް ދާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، އުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ހުށަހަޅަން ޖެހެއެވެ. އަދި އުމްރާވެރިޔާގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަންދާ ނަމަ، އެ މީހެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
މި ޚާއްޞަ އިންތިޒާމްގެ ދަށުން ޑޮލަރު ވިއްކާ ދުވަސްތަކުގައި، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލާނެއެވެ.
ނަމަވެސް، އަމިއްލަ ގޮތުން އުމްރާއަށް ދާ ފަރާތްތަކަށް ބީއެމްއެލްގެ ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރަށް ފައިސާ ދެއްކުމަށްފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ހުންނަ ބޭންކުގެ ކައުންޓަރުން ޑޮލަރު ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

