އެރިކްސަން އާއި ޓީ-މޯބައިލް ގުޅިގެން، އެންވީޑިއާ ގެ އޭއައި އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން އެރިކްސަންގެ "ކްލައުޑް ރޭން" ސޮފްޓްވެއާ ކާމިޔާބުކަމާއެކު ޓެސްޓްކޮށްފިއެވެ. މި ކުރިއެރުމަކީ މޮބައިލް އޮޕަރޭޓަރުންނަށް އެކި ބާވަތުގެ ހާޑްވެއާ ޕްލެޓްފޯމްތަކުގައި އެއް ސޮފްޓްވެއާއެއް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެރިކްސަންގެ ރޭން ސޮފްޓްވެއާ ސްޓްރެޓެޖީ ބިނާވެފައިވަނީ އާދައިގެ ކޮމާޝަލް ހާޑްވެއާ  އާއި ޚާއްސަކޮށް ތައްޔާރުކޮށްފައިވާ "އެރިކްސަން ސިލިކަން" ހާޑްވެއާގައިވެސް އެއް ސޮފްޓްވެއާއެއް ހިންގޭ ގޮތަށެވެ. މިގޮތުން އެންވީޑިއާގެ އޭއައި ޕްލެޓްފޯމް ސަޕޯޓްކުރަން ފެށުމާއެކު، މޮބައިލް އޮޕަރޭޓަރުންނަށް ބޭނުންވާ ފްލެކްސިބިލިޓީ ނުވަތަ ލުއިކަން އިތުރަށް ބޮޑުވެގެންދާނެއެވެ.

އެރިކްސަންގެ ނެޓްވޯކް ސްޓްރެޓެޖީ އެންޑް ޕްރޮޑަކްޓް މެނޭޖްމަންޓްގެ އިސްވެރިޔާ މާޓެން ލާނާ ވިދާޅުވީ، ކްލައުޑް ރޭން ސޮފްޓްވެއާ ފަރުމާކޮށްފައިވަނީ އެކި ޕްލެޓްފޯމްތަކަށް ފަސޭހައިން ބަދަލުކުރެވޭ ގޮތަށް ކަމަށެވެ. އަދި ގިނަ ހާޑްވެއާ ޕްލެޓްފޯމްތަކެއްގައި މި ސޮފްޓްވެއާ ހިންގޭގޮތް ހެދުމަކީ، ނެޓްވޯކްގެ ފެންވަރު ދަށްނުކޮށް އޮޕަރޭޓަރުންނަށް އިޚްތިޔާރުތައް އިތުރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓީ-މޯބައިލްގެ ޗީފް ނެޓްވޯކް އޮފިސަރު އަންކުރް ކަޕޫރު ވިދާޅުވި ގޮތުގައި، އެމެރިކާގެ ބެލްވިއު ސިޓީގައި ހުންނަ "އޭއައި-ރޭން އިނޮވޭޝަން ސެންޓަރު" ގައި ކުރިއަށްދިޔަ މި ޓެސްޓަކީ މުސްތަގުބަލުގެ 6G ޓެކްނޮލޮޖީއަށާއި އޭއައި އަށް ބިނާވާ ޚިދުމަތްތަކަށް އެޅުނު ބިންގަލެކެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އައު ނިޒާމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެއް ސޮފްޓްވެއާ ސްޓެކެއް އެކި ހާޑްވެއާގައި ބޭނުންކުރެވުމާއި، ބޮޑެތި ޑޭޓާ ޕްރޮސެސްކުރުމުގެ މަސައްކަތްތައް އެންވީޑިއާގެ ހާޑްވެއާ މެދުވެރިކޮށް އަވަސްކުރުން ހިމެނެއެވެ.

މި ކާމިޔާބީއާ ގުޅޭ ޚާއްސަ މައުލޫމާތުތަކާއި މުހިންމު ދައްކާލުންތައް، 2026 ވަނަ އަހަރުގެ މާރިޗު 2 އިން 5 އަށް ބާސެލޯނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޮބައިލް ވޯލްޑް ކޮންގްރެސް" ގައި އެރިކްސަން އިން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *