މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ނިމުމާ ގާތްވަމުން އަންނައިރު، މާލޭ ބާޒާރަށް އެންމެ ގިނައިން ތަކެތި ގެނެސްފައިވަނީ ކާށިދޫ އާއި ތޮއްޑޫއިން ކަމަށް ބާޒާރުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން ބުނެފިއެވެ. ރަމަޟާން މަސް ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތައް ބާޒާރުން ހުސްނުވެ ލިބެން ހުރިކަން ފާހަގަކުރެވެއެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި، ކާށިދޫއިން އެންމެ ގިނައިން ބާޒާރަށް އަންނަނީ ފަތްޕިލާވެލީގެ ބާވަތްތަކެވެ. އަދި ކަރައާއި ކުއްޅަފިލާފަތް ފަދަ ބާވަތްތައް އެންމެ ގިނައިން ގެންނަނީ ތޮއްޑޫއިންނެވެ. މީގެ އިތުރުން ލ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުންވެސް ކޮންމެ ދުވަހަކުހެން ތަކެތި ބާޒާރަށް ގެންނަކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއެވެ. މި ރަމަޟާން މަހު އެންމެ ބޮޑު ޑިމާންޑެއް އޮތީ ފަނި ގިރުމަށް ބޭނުންކުރާ ތަކެއްޗަށާއި ފަތްޕިލާވެލީގެ ބާވަތްތަކަށެވެ.
ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތް:
- ކޮޕީފަތް ބޮނޑިއެއް: 10 ރުފިޔާ
- ލެޓިއުސް (ކިލޯ): 50 ރުފިޔާ
- ކުއްޅަފިލާފަތް ބޮނޑިއެއް: 15 ރުފިޔާ
- ބަރަބޯ (ކިލޯ): 20 ރުފިޔާ
- ޓޮމާޓޯ (ކިލޯ): 30 ރުފިޔާ
- ލުނބޯ (ކިލޯ): 60 ރުފިޔާ
- 100ގ މިރުސް: 20 – 25 ރުފިޔާ
- ކަރާ (ކިލޯ): 35 ރުފިޔާ
- ފޭރު (ކިލޯ): 90 – 140 ރުފިޔާ
- ޕެޝަން ފްރުޓް (ކިލޯ): 150 ރުފިޔާ
- އާފަލު/އޮރެންޖު (ވަކިން): 6 ރުފިޔާ
- ރޮކް މެލަން (ކިލޯ): 90 ރުފިޔާ
- މޭބިސް ކަދުރު: 18 – 20 ރުފިޔާ
- 100ގ ރޯ ކަދުރު: 35 ރުފިޔާ
- އެވަކާޑޯ (ކިލޯ): 120 ރުފިޔާ
މިއަހަރު ބާޒާރުގައި ދިވެހި މިރުސް ވަރަށް ބޮޑަށް ތިޔާގިކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ކަނޑޫދޫއިން ގެންނަ ގިތެޔޮ މިރުހުން ބާޒާރު ވަނީ ފުރިފައެވެ. ރަމަޟާން މަސް ފެށުނުއިރު 45-50 ރުފިޔާގައި ހުރި 100ގ މިރުހުގެ އަގު މިހާރު ވަނީ 20-25 ރުފިޔާއަށް ދަށްވެފައެވެ.
މީގެ އިތުރުން ފުވައްމުލަކުން ގެންނަ ދިވެހި އަނބުވެސް ބާޒާރުގައި ތިޔާގި ނަމަވެސް، މިހާރު މަދުމަދުން އަނބު މަދުވަމުންދާކަން ފާހަގަވެއެވެ. ބާޒާރުގައި އަނބު ކިލޯއެއްގެ އަގު އުޅެނީ 70-100 ރުފިޔާއާ ދެމެދުގައެވެ.
ނަމަވެސް، ރަމަޟާން މަހު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަރާގެއެވެ. ކަރާ ކިލޯއެއްގެ އަގު މިހާރު 35 ރުފިޔާއަށް އަރާފައިވާއިރު، ބާޒާރުން ދިވެހި ކަރާ ލިބުން ދަތިވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިވެހި ކަރާ ނުލިބޭނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ.

