ޓްރީ ޓޮޕް ހޮސްޕިޓަލުން 'ކްރޮނިކް ޕެއިން' ނުވަތަ ގިނަ ދުވަސްވީ ތަދުތަކަށް ޚާއްސަ ފަރުވާދޭ "ޕެއިން މެނޭޖްމަންޓް ކްލިނިކް" އެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެއްވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި ކްލިނިކްގައި އިސްކޮށް ހަރަކާތްތެރިވަނީ އިންޓަވެންޝަނަލް ޕެއިން މެނޭޖްމަންޓްގެ ދާއިރާއިން އެޑްވާންސް ޓްރެއިނިން ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިސްޓް އެނެސްތެޓިސްޓުންގެ ޓީމެކެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑރ. ފިއުނާ އަދި ޑރ. ބިޝްނޫއެވެ.

މި ކްލިނިކްގެ ޚިދުމަތްތައް ކުރިއަށްދާނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ދުވަސްތަކުގެ މެންދުރުފަހު 15:00 އިން ހަވީރު 18:00 އަށެވެ.

ދުވަސްވީ ތަދުތަކަށް ޚާއްސަ މިފަދަ ކްލިނިކެއް ހުޅުވުމުގެ މައިގަނޑު މަގުސަދަކީ، ދިގު މުއްދަތަކަށް ވޭން ތަހައްމަލު ކުރަމުންދާ ބަލިމީހުންނަށް ފެންވަރު ރަނގަޅު އަދި ޚާއްސަ ފަރުވާތަކެއް ފޯރުކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މި ކްލިނިކް މެދުވެރިކޮށް ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ ސްޕެޝަލިސްޓުންގެ އެހީތެރިކަމާއެކު ކޮންމެ ބަލިމީހަކަށްވެސް އެންމެ އެކަށީގެންވާ ފުރިހަމަ ފަރުވާގެ ޕްލޭނެއް އެކުލަވާލެވޭނެއެވެ.

މި ކްލިނިކުން ފަރުވާ ދޭނެ މައިގަނޑު ބަލިތަކުގެ ތެރޭގައި:

  • ދިގު މުއްދަތަކަށް ފުރަގަސް ފަރާތަށް ތަދުވުމާއި، ސިއެޓިކާ ނުވަތަ ކަނދުުރާގެ މައްސަލަތައް (ހާނިއޭޓެޑް ޑިސްކް، ސްޕައިނަލް ސްޓެނޯސިސް ފަދަ)
  • ކަކުލާއި ކޮނޑުގެ އޮސްޓިއޯ އާތުރައިޓިސް
  • މަސްގަނޑަށް ތަދުވުމާއި (މަޔޯފެޝިއަލް ޕެއިން)، މަސައްކަތުގެ މާހައުލުގައި ނުވަތަ ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތައް
  • ނިއުރޯޕަތިކް ތަދުތައް (ޕޯސްޓްދާޕެޓިކް ނިއުރަލްޖިއާ ފަދަ)
  • ސާވިކަލް ޑިސްޓޯނިއާ އަދި ޕެލްވިކް ޕެއިން
  • ކެންސަރާ ގުޅުން ހުރި ވޭން ނުވަތަ އެޑްވާންސްޑް ބަލިތަކުގެ ސަބަބުން އުފެދޭ ތަދުތައް ހިމެނެއެވެ.

ހޮސްޕިޓަލުން އިތުރަށް ހާމަކުރި ގޮތުގައި، އެންމެ ޒަމާނީ އިމޭޖް ގައިޑެޑް ޓެކްނިކްސް އަދި 'އެވިޑެންސް ބޭސްޑް މެޑިސިން' ބޭނުންކޮށްގެން ބަލި ދެނެގަނެ، ފަރުވާ ދިނުމުގެ ސަބަބުން، ދިގު މުއްދަތަކަށް ވޭން ތަހައްމަލު ކުރާ މީހުންނަށް މިއީ އާ އުންމީދަކަށް ވެގެންދާނެއެވެ. މި ކްލިނިކަށް އޯތޮޕީޑިކްސް، ނިއުރޮލޮޖީ، އޮންކޮލޮޖީ އަދި ރޫމަޓޮލޮޖީ ފަދަ ދާއިރާތަކުން ރިފާކުރާ ބަލިމީހުންނަށްވެސް ފަރުވާ ހޯދޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *