މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް އިންޑިއާ މެދުވެރިކޮށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު މަޖިލީހަށް ހާޒިރުކުރެވުނީ އަތޮޅުތަކުގައި ކުރިއަށްދާ ބައެއް ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހެމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވުމަށެވެ.

ޚާއްޞަކޮށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވަނީ އެ ދާއިރާގެ ފޮއްދޫ ބަނދަރުގެ މަސައްކަތް ބޮޑުހިލަ ނުލިބިގެން ލަސްވާ މައްސަލައާއި، ވެލިދޫ ބަނދަރާއި ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލަ އާންމުކޮށް ގެންނަނީ ޔޫއޭއީ ފަދަ މެދުއިރުމަތީގެ ޤައުމުތަކުން ކަމަށެވެ. ނަމަވެސް އެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުދާ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އާއްމުކޮށް ބޮޑު ހިލަ ގެންނަނީ ޔޫއޭއިން، މެދުއިރުމަތިން. ޔޫއޭއީއިން ހިލަގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވަނީ. މަސައްކަތް މިކުރަނީ އިންޑިއާއިން ނަމަވެސް ހިލަ ގެނެސްގެން މަސައްކަތް އަވަސްކުރުމަށް. ފޮއްދޫ ބަނދަރުގައިވެސް ބޮޑު ހިލަ ލިބުމުގައި ދަތިތައް ވަނީ ދިމާވެފައި، ވަޒީރު

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ބަލްކް ކާގޯގެ ބޮޑު ބައެއް ހިއްސާކުރަނީ އިންޑިއާ، އޮމާން އަދި ޔޫއޭއީއެވެ. މީގެ ތެރެއިން ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލަ އެންމެ ގިނައިން އެތެރެކުރަނީ ޔޫއޭއީއިންނެވެ. އަދި ދަގަނޑާއި ސިމެންތީގެ އިތުރުން ކޮންސްޓްރަކްޝަން ކެމިކަލްގެ ބާވަތްތައްވެސް އެންމެ ގިނައިން ގެންނަނީ މެދުއިރުމަތީގެ ސަރަޙައްދުންނެވެ.

މަޝްރޫޢުތައް އަވަސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި މެޝިނަރީގެ ބޮޑު ބެޗެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ ތައްޔާރީތައް ވަމުންދާއިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ނުވަތަ ލަސްވެފައިވާ މަޝްރޫޢުތައް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއްކަން ފާހަގަކުރެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *