ޓެކްސީގެ ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު ބޭނުންކުރަމުން އައި "އަވަސް ރައިޑް" އެޕްލިކޭޝަން ރަސްމީކޮށް ހުއްޓާލައި، މިއަދުން ފެށިގެން އެ ކުންފުނީގެ އައު އެޕްލިކޭޝަން "އަވަސް އެޕް" ބޭނުންކުރަން ފަށާފައިވާ ކަމަށް އަވަސް އެންޓަޕްރައިސްއިން ހާމަކޮށްފިއެވެ.
2019 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި "އަވަސް ރައިޑް" އެޕްލިކޭޝަން ހުއްޓާލުމަށް އެ ކުންފުނިން ނިންމީ، ޒަމާނީ ގިނަ ބަދަލުތަކަކާއެކު މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ލޯންޗުކުރި އައު އެޕްލިކޭޝަނަށް ރަސްމީކޮށް ބަދަލުވުމުގެ ގޮތުންނެވެ. އައު އެޕްލިކޭޝަން ލޯންޗުކުރުމަށްފަހު އަހަރަކަށްވުރެ ގިނަ ދުވަސް ދީފައިވަނީ ޑްރައިވަރުންނާއި ކަސްޓަމަރުން އައު ސިސްޓަމަށް އަހުލުވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަވަސް އެންޓަޕްރައިސްއިން ހާމަކުރި ގޮތުގައި، މިހާތަނަށް 3,400 އަށްވުރެ ގިނަ ޑްރައިވަރުންނާއި 100,000 އަށްވުރެ ގިނަ ކަސްޓަމަރުން ވަނީ އައު އެޕްލިކޭޝަނަށް ބަދަލުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
އައު އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނާއި ޑްރައިވަރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ. އެގޮތުން، ދަތުރުގެ މަރުޙަލާގައި ކަސްޓަމަރާއި ޑްރައިވަރުގެ ފޯނު ނަންބަރު އެކަކު އަނެކަކަށް ނުފެންނާނެ ގޮތް ވަނީ ހަދާފައެވެ. މީގެ އިތުރުން، ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، ޑްރައިވަރުގެ އެކައުންޓު ނަންބަރު އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ފެންނާނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
އަވަސް އިން ބުނި ގޮތުގައި، އައު އެޕްލިކޭޝަން މެދުވެރިކޮށް މިހާތަނަށް 953,000 ދަތުރު ވަނީ ކޮށްފައެވެ. އަދި ވަރަށް އަވަހަށް 1 މިލިއަން ދަތުރުގެ މައިލްސްޓޯން ހުރަސްކުރާނެ ކަމަށް ބެލެވޭއިރު، އެންމެ ގިނަ ދަތުރުކުރި ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހެވެ. އެދުވަހު އެކަނިވެސް 10,000 ދަތުރު ވަނީ ކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި "އަވަސް އެޕް" އަށް އިތުރު ފީޗާސްތަކެއް ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތާއި ކާބޯތަކެއްޗަށް އޯޑަރު ކުރެވޭނެ އިންތިޒާމު ހިމެނެއެވެ. އަވަސް އެންޓަޕްރައިސްގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

