ކުޑަކުދިންގެ ކާނާ އުފައްދާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހިޕް"  ބްރޭންޑުގެ އުފެއްދުންތަކުން މީދާ މަރާ ވިހަ ނުވަތަ ރޮޑެންޓްސައިޑް ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ބްރޭންޑުގެ ބާވަތްތައް ބޭނުންނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ "ހިޕް" އާ ގުޅޭ މި ނުރައްކާތެރި މައްސަލަ ފުރަތަމަ ފެންމަތިވެފައިވަނީ އޮސްޓްރިއާގައެވެ. އޮސްޓްރިއާގެ ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ތަހުޤީޤަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު އޭގެ ތެރެއިން މީދާ ވިހަ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ޖަރުމަނާއި، ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާގެ ފުލުހުންވެސް އަންނަނީ މި ބްރޭންޑުގެ ފުޅިތައް ތަހުޤީޤަށް ނަގައި އިތުރަށް ބަލަމުންނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، "ހިޕް" ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުންތަކެއް ނޫން ކަމަށެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުން ބޮޑަށް ޝައްކު ކުރަނީ މިއީ އެ ކުންފުންޏަށް ބިރުދައްކައިގެން ފައިސާ ހޯދުމުގެ މަޤްޞަދުގައި ބަޔަކު ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. "ހިޕް" ކުންފުނިންވެސް ވަނީ މިއީ ކާނާ އުފެއްދުމުގެ މަރުހަލާގެ ތެރޭގައި ދިމާވި މައްސަލައެއް ނޫން ކަމަށާއި، މިއީ ބަޔަކު ގަސްދުގައި ކާނާ ތަޣައްޔަރު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *