ނ. ފޮއްދޫގައި ސަރުކާރުން ކުރިއަށްގެންދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ފޮއްދޫއަކީ ގާތްގަނޑަކަށް 504 މީހުންގެ އާބާދީއެއް އޮންނަ، ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ރަށެކެވެ. އެ ރަށުގައި މިހާރުވެސް 5 ގެސްޓްހައުސް ހިންގަމުންދާއިރު، އެކަށީގެންވާ ބަނދަރެއް މީގެ ކުރިން ތަރައްގީ ކުރެވިފައި ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ފަތުރުވެރިންނަށް ލަފާފުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މިހާތަނަށް އެ ރަށުގައި ލަފާފުރުމަށް ބޭނުންކުރަމުން އައީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ފަދަ ޖެޓީއެކެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނާއި ރަށުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ، މި މަޝްރޫއު ނިމުމުން އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމު ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ބަނދަރު ބޭސިން ފުންކުރުން.
3,990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
145 މީޓަރުގެ ބޭރުތޮއްޓެއް ލުން.
165 މީޓަރުގެ ރިވެޓްމެންޓް ޖެހުން.
130 މީޓަރުގެ އެއްގަމުތޮށި ލުން.
125 މީޓަރު ދިގު، 6 މީޓަރު ފުޅާ ޖެޓީއެއް ހެދުން.
600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުން.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *