ޔޫކޭގެ އައު އެއާލައިންއެއް ކަމަށްވާ "ގްލޯބަލް އެއާލައިންސް" އިން ދުނިޔޭގެ އެންމެ ބޮޑު ފަސިންޖަރު ޖެޓް ކަމަށްވާ އެއާބަސް އޭ380 މަރުކާގެ ބޯޓުތަކުގައި ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒު ހިފައިފިއެވެ.

މި އެއާލައިނުން ކުރިން ރާވާފައި އޮތީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެމެރިކާގެ މަންޒިލްތަކަށް ދަތުރުތައް ފެށުމަށެވެ. ނަމަވެސް، މިހާރު ވަނީ އެ ސްޓްރެޓެޖީ ބަދަލުކޮށް ރާއްޖެ ފަދަ އައު މާކެޓްތަކަށް ފޯކަސް ކުރުމަށް ނިންމާފައެވެ.

ގްލޯބަލް އެއާލައިންސްގެ ފައުންޑާ އަދި ސީއީއޯ ޖޭމްސް އެސްކުއިތު "މެޓްރޯ" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިނގިރޭސިވިލާތުން ރާއްޖެއަށް އޮތް ލަގްޒަރީ ދަތުރުފަތުރުގެ ޑިމާންޑާ އަޅާބަލާއިރު، މިހާރު ދެވޭ ޚިދުމަތްތައް މަދުކަން ފާހަގަކުރައްވައި، މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުތައް ފެށުމަށް އުންމީދު ކުރައްވާ ކަމަށެވެ. އެސްކުއިތު ވިދާޅުވި ގޮތުގައި ނިއުޔޯކް ފަދަ މަންޒިލްތަކަށް އެކަނި ސަމާލުކަން ދިނުމުގެ ބަދަލުގައި، އިނގިރޭސިވިލާތުން ސީދާ ދަތުރުތައް މަދު މަންޒިލްތަކަށް އިސްކަންދިނުމަކީ އެ ކުންފުނީގެ އައު އަމާޒެކެވެ.

މި އެއާލައިންގެ ހަމައެކަނި ބޯޓު ކަމަށްވާ، ޗައިނާ ސަަދަން އެއާލައިންސްގެ އަތުން ގަނެފައިވާ އެއާބަސް އޭ380-800 މަރުކާގެ ބޯޓު މިހާރު އޮތީ ބޮޑު މަރާމާތަކަށް ގްރައުންޑް ކޮށްފައެވެ. ބޯޓަށް 12 އަހަރުވުމުން ކުރަންޖެހޭ މި މަރާމާތުގެ މަސައްކަތް ލަސްވީ، އޭ380 ބޯޓުތަކަށް ޚާއްސަ މަރާމާތު ސްލޮޓްތައް ލިބުން ދަތިވުމުގެ ސަބަބުން ކަމަށް އެސްކުއިތު ވިދާޅުވިއެވެ. ނަމަވެސް، މިއަހަރުގެ ފަހުކޮޅު މި ބޯޓު އަލުން އުދުހުންތަކަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.

ކުރިން ނިއުޔޯކާއި ލޮސް އެންޖެލިސްއަށް ދަތުރުތައް ފެށުމަށް ރޭވި ނަމަވެސް، މިހާރު އެ ކުންފުނިން ދަނީ ރާއްޖޭގެ އިތުރުން ހަވާއީ، ދެކުނު އެފްރިކާ އަދި އޭޝިއާގެ ބައެއް މަންޒިލްތަކަށް ދަތުރުކުރުމަށް ދިރާސާކުރަމުންނެވެ. އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ އަދި ބާމިންހަމް ފަދަ ސަރަހައްދީ އެއާޕޯޓްތަކުން ދަތުރުތައް ފެށުމުގެ ފުރުސަތު ވެސް އޮތްކަން އެސްކުއިތު ފާހަގަކުރެއްވިއެވެ.

މި އެއާލައިންގެ މައިގަނޑު މަގްސަދަކީ އޭ380 ބޯޓުގެ ތަނަވަސް ޖާގައިގެ ބޭނުން ހިފައިގެން، ދަތުރުފަތުރުގެ "ރަންޒަމާން" އަލުން އިއާދަކޮށް، ފަސިންޖަރުންނަށް ޕްރީމިއަމް އަދި ލަގްޒަރީ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ. ދުނިޔޭގެ އެކި އެއާޕޯޓްތަކުން މި ބޯޓު އެ ތަންތަނަށް ޖެއްސުމަށް އެދި ބޮޑެތި އިނާޔަތްތަކާއެކު ހުށަހަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަށް އަމާޒު ހިފާފައިވީ ނަމަވެސް، ރަސްމީކޮށް ޓިކެޓް ވިއްކަން ފެށުމުގެ ކުރިން އެއާލައިންއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ދޫކުރާ އެއާ އޮޕަރޭޓާސް ސެޓްފިކެޓް (އޭއޯސީ) ހޯދުން ހިމެނެއެވެ. އެސްކުއިތު ވިދާޅުވި ގޮތުގައި އެ ހުއްދަ ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ޔޫރަޕްގެ އެހެން ގައުމެއްގެ ހުއްދައިގެ ދަށުން ވެސް ދަތުރުތައް ކުރެވިދާނެ މަގުތައް އެބަހުއްޓެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *