ޓެކްނޮލޮޖީގެ އިސްވެރިން އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ "މެނިފެސްޓޯ" ތައް އާންމުކުރަނީ ކީއްވެ؟

މި ފާއިތުވި ހަފުތާގެ ތެރޭގައި މެޓާގެ ސީ.އީ.އޯ މާކް ޒަކަރބާގް ވަނީ "ދަ ފިއުޗަރ އިޒް ފޯ އެވްރީވަން" ގެ ނަމުގައި 6,500 ބަހުގެ ސިޓީއެއް ނުވަތަ މެނިފެސްޓޯއެއް އާންމުކޮށްފައެވެ. ބައެއް މީހުންނަށް މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ލިބިދޭނެ އުންމީދުތަކުގެ ރީތި ތަސްވީރެކެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭގޮތުގައި މިއީ ހަމައެކަނި ކުންފުނީގެ އަގު ހިފެހެއްޓުމަށްޓަކައި ހިންގާ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ހަރަކާތެކެވެ.

ޒަކަރބާގްގެ މި ލިޔުމަކީ އޭއައި އަކީ އިންސާނީ ތާރީޚުގައި އަންނާނެ އެންމެ މުހިންމު ޓެކްނޮލޮޖީ ކަމަށް ބުނެ، ޓެކްނޮލޮޖީ ދާއިރާގެ އިސްވެރިން ނެރެމުންދާ މެނިފެސްޓޯތަކުގެ ސިލްސިލާގެ އެންމެ ފަހުގެ މިސާލެވެ. މި އާދަ ފެށިގެން އައީ 2023 ވަނަ އަހަރު، ނެޓްސްކޭޕްގެ ބާނީ މާކް އެންޑްރީސަން ލިޔުއްވި "ދަ ޓެކްނޯ-އޮޕްޓިމިސްޓް މެނިފެސްޓޯ" އާ ހިސާބުންނެވެ. އޭނާ ވަނީ އޭއައި އާ މެދު މީހުން ފަތުރާ ދޮގު ވާހަކަތަކާ ދެކޮޅަށް ތެދުވުމަށް ގޮވާލައި، ކުރިއެރުމާއި އީޖާދުތަކަކީ ދިރިއުޅުމުގެ މައްސަލަތަކުގެ ހައްލު ކަމަށް ބުނެފައެވެ.

ޒަކަރބާގްގެ ލިޔުމުގައި އެންޑްރީސަން ފަދައިން، އޭއައިގެ ނުރައްކާތަކާ މެދު އިންޒާރުދޭ މީހުންނަށް ފާޑުކިޔާފައިވެއެވެ. އޭއައިގެ ސަބަބުން ދުނިޔޭގެ ވަޒީފާތަކުގެ 40 އިންސައްތައަށް އަސަރުކޮށް، މާލީ ފަރަގު ބޮޑުވެދާނެ ކަމަށް އައި.އެމް.އެފް އިން އިންޒާރު ދީފައިވީ ނަމަވެސް، ޒަކަރބާގް ގަބޫލުކުރަނީ މުސްތަގުބަލުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށެވެ. އެހެންނަމަވެސް، އޭއައި އަށް އަމާޒު ހިފައިގެން މެޓާ އަލުން ތަރުތީބު ކުރިއިރު، އެ ކުންފުނިން ވަނީ 8,000 އެއްހާ ވަޒީފާ މަދުކޮށްފައެވެ.

މި އަހަރުގެ ތެރޭގައި އެހެން ބޮޑެތި ކުންފުނިތަކުން ވެސް ވަނީ މިފަދަ މެނިފެސްޓޯތައް ނެރެފައެވެ. އޯޕަން އޭއައިގެ ސޭމް އަލްޓްމަން "ދަ އިންޓެލިޖެންސް އޭޖް" ގެ ނަމުގައި ލިޔުމެއް ނެރުނުއިރު، އެންތުރޮޕިކްގެ ދާރިއޯ އަމޯޑޭ ވަނީ "މަޝީންސް އޮފް ލަވިންގް ގްރޭސް" ގެ ނަމުގައި އޭއައި އިން ސިއްހީ އަދި ސިޔާސީ ދާއިރާއަށް ގެނެސްދޭނެ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ލިޔެފައެވެ.

އިގްތިސާދީ މާހިރު ނޯއާ ސުމިތު ފާހަގަކުރާ ގޮތުގައި، މި ދަނޑިވަޅަކީ ވަރަށް ނާޒުކު ވަގުތެކެވެ. ޒަކަރބާގްގެ މެނިފެސްޓޯގައި އޭނާގެ އޭއައި ޓޫލްތައް "އޯޕަން ސޯސް" ކުރުމަށް ނިންމާފައިވާކަން އިއުލާންކުރިއެވެ. މީގެ މާނައަކީ އޭގެ ކޯޑުތައް އާންމުކޮށް ބަލައި، ބަދަލުކުރެވޭނެ ގޮތް ހެދުމެވެ. ނަމަވެސް، އިންސާނިއްޔަތަށް ނުރައްކާވެދާނެ ފަދަ ބާރުގަދަ ޓެކްނޮލޮޖީއެއް މިގޮތަށް ހުޅުވާލުމަކީ ބައެއް މާހިރުން ކަންބޮޑުވާ ކަމެކެވެ. "އިންސާނިއްޔަތު ނައްތާލުމުގެ ގާބިލުކަން ހުރި އެއްޗެއް އޯޕަން ސޯސް ކުރަންވީ ހެއްޔެވެ؟" ސުމިތު ސުވާލު އުފެއްދިއެވެ.

ޓިއުލޭން ޔުނިވަރސިޓީގެ ޕްރޮފެސަރ ރޮބް ލާލްކާ ދެކޭގޮތުގައި، މި މެނިފެސްޓޯތަކަކީ ވިޔަފާވެރިން "ފިލޯސަފަރުން" ނަށް ވެގެން، މުސްތަގުބަލާ މެދު އުންމީދު އާކޮށްދޭން އުޅޭ އުޅުމެކެވެ. މިއީ ވަޒީފާއާއި ތިމާވެއްޓަށް އޭއައިގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުން ކުޑަކުރުމަށް ކުރާ މަސައްކަތެކެވެ. ނަމަވެސް، މި ލިޔުންތަކުގައި ބުނާ ފަދަ އުންމީދީ ނަތީޖާތަކެއް އާންމުންނަށް އަދި ފެންނާކަށް ނެތެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *