ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިންނަށް، އާރްޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތް މުޅިން ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ. މި ލުއި ދިނުމަށް ނިންމާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 29 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ރަސްމީ ކާޑު އޮންނަ ކޮންމެ މީހަކަށް އަދި އެ މީހަކާއެކު ދަތުރުކުރާ އެހީތެރިއަކަށް ވެސް، ޓިކެޓަކާ ނުލައި އާރްޓީއެލްގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގައި ދަތުރުކުރެވޭނެ ކަމަށެވެ. މިއީ ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކުގައި ޢާއިލާތަކަށް ބޮޑު ތަސައްލީއެއް ހޯދައިދިނުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ މުޖުތަމަޢުގެ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ ދަތުރުފަތުރުގެ ޚިދުމަތެއް ރާއްޖޭގައި ޤާއިމުކޮށްދިނުމެވެ.

މި އައު އިންތިޒާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، އެމްޓީސީސީގެ ހޮޓްލައިން 1650 ނުވަތަ 7369221 އަށް ގުޅުއްވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *