މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 18.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ 6.77 ބިލިއަން ދިވެހި ރުފިޔާއާއި 756 މިލިއަން އެމެރިކާ ޑޮލަރެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 486 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޖުމްލަ 4.32 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޑޮލަރުން ލިބުނު 220 މިލިއަން ޑޮލަރު ހިމެނެއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ގެ ގޮތުގައެވެ. އޭޑީއެފްގެ ގޮތުގައި 78.9 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މި ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޓެކްސް އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޖުމްލަ 976 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 898 މިލިއަން ޑޮލަރު ކަމަށްވުމުން، މިއީ ގާތްގަނޑަކަށް 8.73 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޖުމްލަ އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 20.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 22.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މަރުކަޒީ ބޭންކުން ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 22 ރުފިޔާއަށްވުރެ މަތީގައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުން، ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ތަކެތީގެ އަގުތައް އަންނަނީ އުފުލެމުންނެވެ. މީގެ އިތުރުން، ގައުމުގެ ދަރަނި ބޮޑުވުމާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާކަން ފާހަގަކުރެވެއެވެ. ވަކިން ހާއްސަކޮށް، ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ހުރަސްއެޅި، ރާއްޖޭގެ މައި އިގުތިސާދީ ތަނބު ކަމަށްވާ ފަތުރުވެރިކަމަށް އޭގެ އަސަރުކޮށްފާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *