އުރީދޫ ފިންޓެކްގެ 'އެމް-ފައިސާ' މެދުވެރިކޮށް 'ޓާސްކިން' އެޕްލިކޭޝަންގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
އުރީދޫއިން ހާމަކުރި ގޮތުގައި 'ޓާސްކިން' އަކީ އެކި ކަހަލަ މަސައްކަތްތައް ކުރުވަން ބޭނުންވާ ފަރާތްތަކާއި، އެފަދަ މަސައްކަތްތަކުގެ ހުނަރާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ގުޅުވާލަދޭ ޑިޖިޓަލް މައިޒާނެކެވެ. ގޭތެރޭގެ އާދައިގެ މަސައްކަތްތަކުން ފެށިގެން ޑިޖިޓަލް ރިމޯޓް މަސައްކަތްތަކާ ހަމައަށް، ކަސްޓަމަރުން ބޭނުންވާ ގިނަ ދާއިރާތަކުން ފަންނީ މީހުން ހޯދައި މަސައްކަތް ދިނުމުގެ ފުރުސަތު މި އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ.
އަމިއްލަ ހުނަރު ބޭނުންކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް 'ޓާސްކަރުން’ގެ ގޮތުގައި މި ޕްލެޓްފޯމުގައި ރަޖިސްޓްރީވެވޭނެއެވެ. އަދި މި ފަރާތްތަކަށް ޕްލެޓްފޯމުގައި ހުރި ފުރުސަތުތައް ބަލައި، އެ މީހުން ކުރަން ބޭނުންވާ މަސައްކަތްތަކަށް އެހެން ޚިދުމަތްތެރިންނާއެކު ބިޑުކުރުުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން އުރީދޫއިން ފާހަގަކުރި ގޮތުގައި، މިއީ ޚިދުމަތް ހޯދާ ފަރާތްތަކާއި ހުނަރުވެރިން ގުޅުވައިދީ، ފްރީލާންސަރުންނާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވާލަދޭ ފަސޭހަ ޑިޖިޓަލް ބާޒާރެކެވެ. އެމް-ފައިސާގެ ޚިދުމަތް މި އެޕާ ގުޅާލުމާއެކު، ޓާސްކިން މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް އެމް-ފައިސާ ވޮލެޓު ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.
އުރީދޫއިން އިތުރަށް ބުނީ، ޓާސްކިން ފަދަ ޕްލެޓްފޯމްތަކުގައި ޑިޖިޓަލް މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގުފަހިކޮށްދިނުމަކީ، ރާއްޖޭގައި ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސޯދުގައި އަމިއްލަ ފަރުދުންނާއި ފްރީލާންސަރުންގެ އިތުރުން ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެމް-ފައިސާއިން ފޯރުކޮށްދޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
ކަސްޓަމަރުންނަށް މިހާރު ޓާސްކިން އެޕް ޑައުންލޯޑްކޮށް، ބޭނުންވާ ޚިދުމަތެއް އިޚްތިޔާރުކޮށް، 'ޓާސްކަރެއް' ހަމަޖެއްސުމަށްފަހު އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އަދި އަމިއްލަ ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށްވެސް ޓާސްކަރެއްގެ ގޮތުގައި ބައިވެރިވެ، ހުރި މަސައްކަތްތަކަށް ބިޑުކުރަން ފެށޭނެއެވެ.
ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކޮށް، އާންމު ދިރިއުޅުން ފަސޭހަކޮށްދޭ އީޖާދީ ހައްލުތައް ހޯދައިދިނުމަށް އުރީދޫ ފިންޓެކުން ދަނީ ސާބިތުކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

