ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމު މަގުސަދުގައި، ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާއާއެކު 1964 ވަނަ އަހަރު އުފެއްދި ވިޔަފާރި ކުންފުންޏެކެވެ. އޭރު "އަތިރީމާފަންނު ޓްރޭޑިންގ އެކައުންޓް" (އޭޓީއޭ) ގެ ނަމުގައި ހިންގި މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ، ކާބޯތަކެތީގެ މުހިންމު ބާވަތްތައް ގަނޑުކޮށް ގަނެ އެތެރެކޮށް، ކުޑަ ފައިދާއެއްގައި ރާއްޖޭގެ ވިޔަފާރިވެރިން މެދުވެރިކޮށާއި އޭޓީއޭގެ އަމިއްލަ ފިހާރަތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމެވެ. މީގެއިތުރުން ދައުލަތަށް ބޭނުންވާ ތަކެތި އެތެރެކުރުމަކީ ވެސް އޭޓީއޭގެ މަސައްކަތެކެވެ.
1979 ވަނަ އަހަރު އޭޓީއޭގެ ނަން "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން" އަށް ބަދަލުކުރެވުނެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ "އެސްޓީއޯ" ވެގެންދިޔައީ ރާއްޖޭގެ ކޮންމެ ގެއެއްގައި ވެސް މަޝްހޫރު ނަމަކަށެވެ. ޤައުމު ތަރައްޤީވަމުން ދިޔަވަރަކަށް ރައްޔިތުންގެ ބޭނުންތައް ވެސް އިތުރުވަމުން ދިޔައެވެ. އެސްޓީއޯގެ އަސްލު މަގުސަދު ދަމަހައްޓަމުން، އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބާވަތްތައް ފުޅާކުރިއެވެ. އެގޮތުން އާންމު ދިރިއުޅުމަށް ބޭނުންވާ މުދަލުން ފެށިގެން ގޮސް، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަދި ތެލާއި ސުޕަމާކެޓު މުދާ އެތެރެކުރަން ފެށިއެވެ.
