މާލެ ސަރަހައްދުގެ ބައެއް އަމިއްލަ ފިހާރަތަކުން ކުކުޅުބިސް ވިއްކުން ކޮންޓްރޯލްކޮށްފައި ވީނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުކުޅުބިސް ވިއްކަމުން ދަނީ އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރުމެއް ނެތި ކަމަށާއި، ބޭނުންވާ ވަރަށް އެ ކުންފުނީގައި ބިހުގެ ސްޓޮކް އެބަހުރި ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގެ ބައެއް ފިހާރަތަކުން ބިސް ނުލިބޭ ކަމަށް ބުނެ، މީހަކަށް ޓްރޭއެއްގެ މަގުން ނުވަތަ 10 އަދި 20 ބިހަށް ވުރެ ގިނައިން ނުވިއްކާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ދަނީ ލިބެމުންނެވެ. މިކަމާ ގުޅިގެން އެސްޓީއޯ މީޑިއާއިން ބުނީ، ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގައި އެކަށީގެންވާ މިންވަރަށް ބިސް ސްޓޮކް އެބަހުރި ކަމަށާއި، ބިސް ދޫކުރަމުން ދަނީ އެއްވެސް ކޮންޓްރޯލެއް ނެތި އާންމު އުސޫލުން ކަމަށެވެ.

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އަލަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެ، 15 އޮކްޓޯބަރު 2025 ގައި ވަނީ ވިއްކަން ފަށައިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށްޓަކައި އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލްޓްރީ ފާމިން ނުވަތަ ކުކުޅު އާލާކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯ ހެޑް އޮފީހުގައި 11 ސެޕްޓެމްބަރު 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޮލްޓްރީ ފާމިން ކުރިއަށްގެންދިއުމުގެ މަސައްކަތްތައް ރޭވިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން، ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖެއިން ކުކުޅާއި ކުކުޅުބިސް އުފައްދައި ފޯރުކޮށްދިނުމަށް އެސްޓީއޯއިން މުހިންމު ދައުރެއް އަދާކުރަމުންދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުރުރާސްތާގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމުގެ ގޮތުން ރާއްޖެއިން ބޭރުން ވެސް ދަނޑުވެރިކަމަށް އެކަށޭނަ، މުޑުވަށް ބިމެއް ކުއްޔަށް ނުވަތަ ގަނެގެން އެސްޓީއޯ މެދުވެރިކޮށް ދަނޑުވެރިކަމުގެ މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ކުރިއަށް އޮތް ތަނުގައި ކުރަން ގަސްތުކުރާ ކަމެއް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *