ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި، އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް 5 އައިސްޕްލާންޓެއް ތަރައްޤީކޮށް މަސްވެރިންނަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓެއްގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތަށް ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ނިޔަލަށް ނިންމުމަށް ކަނޑައަޅާފައިވާ 7 އައިސްޕްލާންޓަކީ:
- މ. ވޭވަށް (60 ޓަނު)
- ޅ. ނައިފަރު (40 ޓަނު)
- ލ. މާބައިދޫ (25 ޓަނު)
- ލ. މާވަށް (10 ޓަނު)
- ލ. ހިތަދޫ (10 ޓަނު)
- އއ. އުކުޅަސް (5 ޓަނު)
- ބ. ކުޑަރިކިލު (5 ޓަނު)
ވަޒީރު ވިދާޅުވީ މީގެ ތެރެއިން ބައެއް އައިސްޕްލާންޓުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އަނެއްބައި ތަންތަނުގެ އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާތައް ގިރާކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ކުރީކޮޅު 30 ޓަނުގެ އިތުރު 11 އައިސްޕްލާންޓެއް ތަރައްޤީކޮށް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހދ. ކުޅުދުއްފުށި، ދ. ހުޅުދެލި، މ. މުލައް، ގއ. ދާންދޫ، ކ. ގާފަރު، ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ގއ. ނިލަންދޫ، ގއ. ވިލިގިލި އަދި ށ. ކޮމަންޑޫގައި އައިސްޕްލާންޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ދަނީ ރޭވެމުންނެވެ. މީގެ ތެރެއިން ކ. ގާފަރަކީ މިހާރުވެސް އައިސްޕްލާންޓެއް ހުރި ރަށެއް ނަމަވެސް، އެތަނުގެ އުފެއްދުންތެރިކަން ދަށްވުމާ ގުޅިގެން މަސްވެރިންގެ އެދުމުގެ މަތިން އައު ޕްލާންޓެއް އެޅުމަށް ނިންމާފައިވާ ރަށެކެވެ.
މި މަޝްރޫޢުތަކާއެކު ޖުމްލަ 23 އައިސްޕްލާންޓް ތަރައްޤީކުރެވި، ދުވާލަކު 630 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ ރާއްޖޭގައި އިތުރުވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުން ދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިއު) ޤާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އުތުރުގެ ސަރަހައްދުތަކަށްވުރެ އެ ނިޒާމު ދެކުނުގައި ބޭނުންކުރާ މިންވަރު އިތުރުކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަލަށް ޤާއިމްކުރެވޭ އައިސްޕްލާންޓުތަކުގެ ސަބަބުން، އައިސް ހޯދުމަށް މަސްވެރިން ދުރަށް ދުއްވަންޖެހޭ ޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

