ދެ ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރ. އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތާއި، ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދުއެވެ.

ޖުމްލަ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 100 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމާއި، 200 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 4،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބީޗް ނަރިޝްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހަމައެއާއެކު، މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 2.28 ހެކްޓަރުގެ ސަރަހައްދެއް ބެކްފިލް ކުރުމާއި، 939 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 312 މީޓަރުގެ ބޮޑުހިލަ ލޯކްރެސްޓް ބްރޭކްވޯޓަރެއް ގާއިމުކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުތަކަކީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ލަފާފުރުމުގެ ދަތިތަކުގެ އިތުރުން ރަށްގިރުމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދީ، ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *