އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ އާދަކާދަތަކާ ސައި ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ހެނދުނު ހޭލައިގެން ދުވަސް ފަށައިގަތުމަށް ބޯލާ ހޫނު ސައިތައްޓާއި، ހަވީރުގެ ހިތްގައިމު ވަގުތުތަކުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ހޭދަކުރާ ވަގުތުތަކުގެ އިތުރުން، ބުރަ ދުވަހެއްގެ ނިމުމުގައި ލިބޭ ހިތްހަމަޖެހުމަކީވެސް ސަޔާ ގުޅިފައިވާ ކަންކަމެވެ.

ސައިބުއިމަށް ލޯބިކުރާ ފަރާތްތަަކަށް މިހާރު މިވަނީ އެއް ގަރުނަށްވުރެ ދިގު މާޒީއެއް އޮތް، ސިލޯނު ސައިގެ މުއްސަނދި ތާރީޚާ ގުޅިފައިވާ ބްރޭންޑެއް ތަޢާރަފުވެފައެވެ. އެއީ ސްރީލަންކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "މެކޯއީ ޓީ"  އެވެ. އެސްޓީއޯގެ ފަރާތުން "ހޮޓެލް އޭޝިއާ އެގްޒިބިޝަން 2025″ ގައި ރާއްޖެއަށް ތަޢާރަފުކުރި މި ބްރޭންޑަކީ، ތަފާތު އެކި ރަހަތަކާއި ވައްތަރުތައް އެކުލެވޭ ފުރިހަމަ ސައިގެ ތަޖުރިބާއެއް ދިވެހިންނަށް ގެނެސްދޭ ބްރޭންޑެކެވެ.

ސިލޯނުގެ ފަޚުރުވެރި ތާރީޚު

ސްރީލަންކާގެ ސައިގެ ސިނާއަތަކީ ދުނިޔޭގެ މަޝްހޫރު "ސިލޯން ޓީ" ގެ ނަމާ ވަކިނުކުރެވޭނެ ފަދަ ވަރުގަދަ ބިންގަލެކެވެ. މި ސިނާއަތް 19 ވަނަ ގަރުނުގައި ފެށިގެން އައީ ޖޭމްސް ޓޭލަރ ނަމަކަށް ކިޔާ ބޭފުޅަކު 1860 ގެ އަހަރުތަކުގައި ކެންޑީގެ ލޫލެކޮންޑެރާގައި ޤާއިމުކުރި ފުރަތަމަ ސައި ދަނޑާއި ފެކްޓްރީއާ އެކުގައެވެ. ޒަމާންތަކާއެކު ސިލޯން ޓީ ވެގެންދިޔައީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް އުފެއްދުމަށެވެ.

މެކޯއީ ޓީ އަކީ މި ދިގު ތާރީޚުގެ މުހިންމު ބައެކެވެ. 1900 ގެ ކުރީކޮޅު އިނގިރޭސި ވިޔަފާރިވެރިން ސްރީލަންކާގައި ސައި ހައްދަން ފެށި ޒަމާނަށް ނިސްބަތްވާ މި ބްރޭންޑުގެ ދަނޑުތައް ހުންނަނީ އެންމެ ފުރަތަމަ ސައި ހެއްދި ސަރަޙައްދުތަކާ ކައިރީގައެވެ. އަދި ކެންޑީގައި ހުންނަ މި ކުންފުނީގެ ފެކްޓްރީއަކީ ސަތޭކައަށްވުރެ ގިނަ އަހަރު ވަންދެން މެދުކެނޑުމެއްނެތި ސައި އުފައްދަމުން އަންނަ ތަނެކެވެ. ސައިފަތް ހޮވުމާއި، ޕްރޮސެސްކުރުމާއި އަދި ބަންދުކުރުމުގައިވެސް މި މުއްސަނދި ތަޖުރިބާ ފެނިގެންދެއެވެ.

ދަނޑުތަކުން ސައިތައްޓަށް: ތަފާތު ރަހަތައް

ސައިގެ ޚާއްޞަ ސިފައަކީ އެކި ސަރަޙައްދުތަކުގައި ހެދޭ ސައިފަތާއި، އެ ތައްޔާރުކުރާ ގޮތުގެ މައްޗަށް ބިނާކޮށް ރަހައަށް އަންނަ ތަފާތެވެ. މެކޯއީ ޓީ އިން މި ތަފާތު ފުރިހަމައަށް ގެނެސްދެއެވެ. އޭގެ ތެރޭގައި އާދައިގެ ކަޅު ސަޔާއި، ގްރީން ޓީގެ އިތުރުން، އެކި ރަހަތައް އެކުލެވޭ (ފްލޭވާރޑް) ސަޔާއި، ސިއްޙަތަށް ފައިދާހުރި ވެލްނެސް ސަޔާއި، އޯގަނިކް ސައި އަދި ލޫސް-ލީފް (ވަކި ސައިފަތް) ހިމެނެއެވެ. މީގެއިތުރުން ޕިރަމިޑް ސައިފަތް ޕެކެޓާއި، ވަކިވަކިން ބަންދުކޮށްފައިވާ ސައިފަތް ޕެކެޓް، ހަދިޔާ ދިނުމަށް ޚާއްޞަ ސެޓުތަކާއި އައިސްޑް ޓީ ވެސް ލިބެން ހުރެއެވެ.

މި ތަފާތު ވައްތަރުތަކުގެ ސަބަބުން، ހެނދުނުގެ ވަގުތަށް އެންމެ ކަމުދާ ވަރުގަދަ ކަޅު ސަޔަކުން ފެށިގެން، ހަވީރުގެ އަރާމު ވަގުތަކަށް ލުއި ގްރީން ޓީއެއް ނުވަތަ މީރު ރަހައެއް އެކުލެވޭ ސަޔެއް ޚިޔާރުކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

ދިވެހިރާއްޖޭގެ ބާޒާރަށް އައި ބޮޑު ކުރިއެރުމެއް

އެސްޓީއޯ މެދުވެރިކޮށް މެކޯއީ ޓީ ރާއްޖެއަށް ތަޢާރަފުވުމަކީ، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ބާޒާރަށް ލިބުނު އިތުރު މުއްސަނދިކަމެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިޒޯޓުތަކާއި، ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކަށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މި އުފެއްދުންތަކުގެ ސަބަބުން ފުރުޞަތު ފަހިވެގެންދާނެއެވެ. ހަމައެއާއެކު، އާންމު ގޭބިސީތަކަށް ސްރީލަންކާގެ އަސްލު ސިލޯން ޓީގެ ކޮލިޓީ އުފެއްދުމެއް ބޭނުންކުރުމުގެ ފުރުޞަތު މިހާރު މިވަނީ ތަނަވަސްވެފައެވެ.

މެކޯއީ ޓީގެ ސަބަބުން ދިވެހިންގެ ސައިތަށި މިވަނީ ސްރީލަންކާގެ ފެހިކަންގަދަ ފަރުބަދަތަކާއި، ޒަމާންވީ ސައިގެ ސަގާފަތާ ގުޅުވާލަދީފައެވެ. ސްރީލަންކާގެ ސައި ދަނޑުތަކުން ފެށިގެން ދިވެހިންގެ ކާމޭޒާ ހަމައަށް ކުރާ މި ދަތުރަކީ ކޮންމެ ސައިތައްޓަކުންވެސް ތަޖުރިބާކޮށްލެވޭނެ ފުރިހަމަ ދަތުރެކެވެ. މެކޯއީ ޓީގެ ތަފާތު ވައްތަރުތައް މިހާރު އެސްޓީއޯ މެދުވެރިކޮށް ދިވެހި ބާޒާރުން ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *