އިންޑިއާގެ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމެއް ކަމަށްވާ "ގްލޯބަލް ދުކާން" މެދުވެރިކޮށް ވިޔަފާރިކުރުމުގައި ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ގްލޯބަލް ދުކާންއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހުން ފެށިގެން އެ ޕްލެޓްފޯމުން ދިވެހި ރުފިޔާ ބަލައިގަންނަން ފަށާނެއެވެ. މިއީ ދިވެހިންނަށް އިންޑިއާއިން އޮންލައިންކޮށް ވިޔަފާރިކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

"ގްލޯބަލް ދުކާން" ޕްލެޓްފޯމަކީ އިންޑިއާގެ މަޝްހޫރު އޮންލައިން މާކެޓްތައް ކަމަށްވާ އެމެޒޯން އަދި ނައިކާ ފަދަ ތަންތަނުން ތަކެތި ގަނެ، ފައިސާ ދެއްކުމުން ރާއްޖެއާ ހަމައަށް އެ ތަކެތި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ. މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން މި ހިދުމަތް ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ގްލޯބަލް ދުކާނުން ދިވެހި ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތަށް މި ބަދަލު ގެނެސްފައި މިވަނީ، ރާއްޖޭގައި ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ދެއްކުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ، ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ބޭރުގެ މުއާމަލާތްތަކަށް ޑޮލަރު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، އޮންލައިން ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ޑޮލަރުގެ ލިމިޓުތައް ހިފަހައްޓާފައެވެ.

އެހެންކަމުން، ގްލޯބަލް ދުކާނުން ދިވެހި ރުފިޔާ ބަލައިގަންނަން ފެށުމަކީ ޑޮލަރުގެ ދަތިކަން އޮތް މި ދަނޑިވަޅުގައި އިންޑިއާއިން ތަކެތި ގަންނަން ބޭނުންވާ ގިނަ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލަކާއި ލުޔެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *