ރާއްޖޭގައި ސްކިންކެއާގެ ޚިދުމަތުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ނިއު އެޑިޝަންގެ ނޯޓް ފިހާރައިން، ކަސްޓަމަރުންނަށް ކޮރެއަން ސްކިންކެއާގެ އެންމެ ފުރިހަމަ އަދި ޒަމާނީ ޚިދުމަތް ދިނުމަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް މިއަދު ނިންމާލައިފިއެވެ. ހަތަރު ދުވަހުގެ މުއްދަތަށް ދެކުނު ކޮރެއާއިން ޚާއްސަކޮށް ރާއްޖެ ގެނައި ބިއުޓީ އެކްސްޕާޓުންގެ ބެލެހެއްޓުންގެ ދަށުން ކުރިއަށްދިޔަ މި ތަމްރީނުތަކުގެ ސަބަބުން، ނޯޓްގެ މުވައްޒަފުންނަށް ކަސްޓަމަރުންނަށް އެކަށީގެންވާ ސައިންޓިފިކް ލަފާ ދިނުމުގެ ގާބިލުކަން ލިބިގެންގޮސްފައިވާކަމަށް ނޯޓުން ބުނެއެވެ.
ނޯޓުން ފާހަގަކުރާގޮތުގައި އެކުންފުނިން އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންނަށް އެންމެ ޒަމާނީ ފެންވަރުގައި، އިތުބާރު ކުރެވޭ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. މި މަޤްސަދުގައި ނޯޓުން ހިންގި ތަމްރީން ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ، ދެކުނު ކޮރެއާގެ އަސްލު ސްކިންކެއާ އުސޫލުތައް ދަސްކޮށްދިނުމަށްޓަކައި، އެ ގައުމުން ޚާއްޞަކޮށް ރާއްޖެ ގެނެސްފައިވާ ބިއުޓީ އެކްސްޕާޓުން މެދުވެރިކޮށެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ބުނެދީފައިވަނީ، ހަމާ ގުޅޭ އުފެއްދުންތައް ދެނެގަތުމާއި، އޭގައި ހިމެނޭ މާއްދާތަކަށް އަހުލުވެރިވުމުގެ އިތުރުން، ކޮރެއާގެ ސްކިންކެއާ އުފެއްދުންތައް ބޭނުންކުރާނެ ރަނގަޅު ތަރުތީބުތަކެވެ.
މީގެ އިތުރުން، ތަމްރީނުތަކުގެ ތެރެއިން މުވައްޒަފުންނަށް އުފެއްދުންތަކުގައި ހިމެނޭ މާއްދާތަކާއި، ރައްކާތެރިކަމާއެކު އެކި މާއްދާތައް އެއްކޮށް ބޭނުންކުރާނެ ގޮތްތައް، މިސާލަކަށް އެކުގައި ބޭނުންކުރެވޭނެ ސީރަމްތަކާއި ނުކުރެވޭނެ ސީރަމްތައް ދަސްކޮށްދެވުނެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، އެމީހަކާ ގުޅޭ ޚާއްޞަ ސްކިންކެއާ ތަރުތީބުތައް ކަނޑައަޅާނެ ގޮތްވެސް ދަސްކޮށްދެވުނެވެ. މި ތަމްރީނުތަކުގައި ކޮރެއާގެ މަޝްހޫރު "ގްލާސް ސްކިން" ނުވަތަ ބިއްލޫރިގަނޑެއް ފަދަ އޮމާން ހަމެއް ހޯދުމަށް ބޭނުންވާ ޚާއްޞަ އުކުޅުތަކާއި، ބާރުގަދަ މާއްދާތައް އެކުލެވޭ އުފެއްދުންތައް ބޭނުންކުރާނެ ގޮތްތައް މުވައްޒަފުން ވަނީ ދަސްކޮށްފައެވެ.
މި ޓްރެއިނިން ފޯރުކޮށްދިން، ޖޭހޯ ލީ ވިދާޅުވީ، މި ތަމްރީންތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ އުފެއްދުންތައް ބުނެދިނުމުގެ ކުރިން، ސައިންޓިފިކް ގޮތުން އެމީހެއްގެ ހަމުގެ ބާވަތް ދެނެގަތުމުގެ ގާބިލުކަން މުވައްޒަފުންނަށް ލިބިގެންދާނެކަމަށެވެ. "ސްކިންކެއާގެ ރަނގަޅު ފަރުވާއެއް ފެށެނީ ރަނގަޅު އިރުޝާދާ އެކުގައި." ޖޭހޯ ލީ ވިދާޅުވިއެވެ.
މި ޓްރެއިނިންގެ ބައިވެރިއެއްކަމަށްވާ މެރިލީން ފާހަގަކުރިގޮތުގައި މި ތަމްރީނުތަކުގެ ސަބަބުން، އުފެއްދުންތަކާ ބެހޭ މަޢުލޫމާތު މުއްސަނދިވެ، ކަސްޓަމަރުންގެ ހަމާ ގުޅޭ އެންމެ ރަނގަޅު އުފެއްދުންތައް އިޚްތިޔާރުކުރުމަށް ކަސްޓަމަރުންނަށް އެހީތެރިވުމުގެ ޤާބިލްކަން ޓްރެއިނިންގެ ބައިވެރިންނަށް ވަނީ ލިބިފައެވެ.
ރާއްޖޭގެ ހޫނު އަދި ތެތްފިނިކަން ބޮޑު މާހައުލާ ގުޅޭގޮތުން ކޮރެއާގެ އުފެއްދުންތައް ބޭނުންކުރާނެ ގޮތުގެ އިރުޝާދު ވެސް ތަޖުރިބާކާރުން ވަނީ މުވައްޒަފުންނަށް ދީފައެވެ. މީގެ ތެރޭގައި ހަންގަނޑު ތެޔޮވުން ކޮންޓްރޯލްކޮށްދޭ ލުއި އުފެއްދުންތަކާއި، ބާރުގަދަ އިރުގެ ދޯދިތަކުން ރައްކާތެރިކޮށްދޭ ސަންސްކްރީންތައް ހިމެނެއެވެ.
ބައެއް ކަސްޓަމަރުންނަށް ރެޓިނޯލް، ނިއަސިނަމައިޑް އަދި ވިޓަމިން ސީ ފަދަ ބާރުގަދަ މާއްދާތައް އެކުލެވޭ އުފެއްދުންތައް އެކުގައި ބޭނުންކުރަންވީ ގޮތް ނޭނގުމުގެ ސަބަބުން ހަންގަނޑު ހަލާކުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ނަމަވެސް، ތަމްރީނުލިބިފައިވާ މުވައްޒަފުންގެ އެހީގައި، އެކަކު އަނެކަކާ ނުގުޅޭ އުފެއްދުންތަކަށް ކުރާ ބޭކާރު ޚަރަދުތައް ހުއްޓުވައި ރައްކާތެރި ގޮތުގައި ސްކިން ކެއާގެ ރަނގަޅު އާދަތަކެއް އެކުލަވާލެވޭނެއެވެ.
ތަމްރީނު ފުރިހަމަވުމުން، މި މުވައްޒަފުން މާލޭގައި ހުންނަ ނިއު އެޑިޝަންގެ މައި ފިހާރައިގެ އިތުރުން "ނޯޓް"ގެ އެކި އައުޓްލެޓްތަކުގައި ކަސްޓަމަރުންނަށް ލަފާދިނުމަށް ހަރަކާތްތެރިވާނެއެވެ.

