ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މިހާރު ކުރިއަށްދާ "ހޮޓެލް އޭޝިއާ މޯލްޑިވްސް 2026″ އެގްޒިބިޝަނުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުހިންމު ތިން ދާއިރާއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ބައިވެރިވެއްޖެއެވެ.

އިއްޔެއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެގްޒިބިޝަނުގައި އެސްޓީއޯއިން ތަމްސީލުކުރަނީ ޖެނެރަލް ޓްރޭޑިންގ، ޕީޕަލްސް ޗޮއިސް އަދި އެނާޖީ ދާއިރާއެވެ. މި ފުރުޞަތުގެ ބޭނުން ހިފައި، އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ ފެންވަރު ރަނގަޅު ތަފާތު ޕްރޮޑަކްޓްތަކާ ބެހޭ މަޢުލޫމާތު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯގެ ސްޓޯލުން ފެނިގެންދާ ޚާއްޞަ ކަންކަމުގެ ތެރޭގައި، އެސްޓީއޯ ސުޕާމާކެޓުން ލިބެން ހުންނަ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ވަގުތުން ލުއިކާނާ ތައްޔާރުކޮށްދޭ ސްޓޭޝަނެއް ހިމެނެއެވެ. އަދި އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހުވެސް 'ކޮފީސްޓޭޓް' ބްރޭންޑުގެ ވަކި ޚާއްޞަ ބުއިންތަކެއް ހިލޭ ބަހަމުންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، އެގްޒިބިޝަނުގެ ދެވަނަ ދުވަހު މުޅިން އައު ބްރޭންޑެއް ތަޢާރަފުކުރުމަށް އެސްޓީއޯއިން ވަނީ ރާވާފައެވެ. މި އައު ބްރޭންޑުގެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކުރާ މީރު އައިސްކްރީމާއި އެކި ބާވަތްތަކުގެ ފޮނި ކާތަކެތީގެ ރަހަ ބަލައިލުމުގެ ފުރުޞަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެނާޖީ ދާއިރާއިން މި އެގްޒިބިޝަނުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ ރިޒޯޓު ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ތެޔޮ އުފުލައިދިނުމުގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމާއި، އެ ސިނާޢަތުގައި ކަސްޓަމަރުންގެ ބޭނުންތަކާއި ޝައުޤުވެރިކަން ހުރި މިންވަރު ދެނެގަތުމެވެ.

އެސްޓީއޯ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓަރީ ކުރާ ފަރާތްތަކުގެ މެދުގައި "ރެޖިސްޓާ އެންޑް ވިން" ގެ ނަމުގައި ކޮންމެ ދުވަހަކު ގުރުއަތު ނަގައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕީޕަލްސް ޗޮއިސްގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖް ފޮލޯ ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ޚާއްޞަ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޑިޝްވޮޝަރެއް ދިނުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *