ދުނިޔޭގައި ކުޅިވަރު ސާމާނާއި ބޫޓު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ނައިކީ އަށް ވޭތުވެދިޔަ މަދު އަހަރުތަކަކީ ވިޔަފާރީގެ ގޮތުންނާއި މާކެޓްގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ދުވަސްތަކެކެވެ. ވާދަވެރި އެހެން ކުންފުނިތަކުގެ ސަބަބުން ނައިކީގެ ވިޔަފާރި ދަށަށް ގޮސް، ކަސްޓަމަރުން ގެއްލެމުންދާ މި ދަނޑިވަޅުގައި، މާކެޓުގެ އެއްވަނައިގައި ދެމިއޮތުމަށް އެ ކުންފުނިން ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ވިއްސަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު ރިޓަޔަމަންޓުން އެނބުރި ވަޑައިގެންނެވި ކުންފުނީގެ ތަޖުރިބާކާރު ވެރިޔާ އެލިއަޓް ހިލް އަންނަނީ ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފަހުގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުން އޭނާގެ މި ސްޓްރެޓެޖީގެ ސަބަބުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެންނަން ފެށި ނަމަވެސް، މި ބަދަލު އަންނަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ.
ކަން މިހެން އޮއްވައި، ފުޓްބޯޅައިގެ މަޝްހޫރު ތަރި ކީލިއަން އެމްބާޕޭ، ނައިކީއާއެކު އޮތް 20 އަހަރުވީ ގުޅުން ކަނޑާލައި، ބާރަށް ކުރިއަރަމުން އަންނަ ސްވިޒަލެންޑުގެ ބްރޭންޑެއް ކަމަށްވާ 'އޮން' އާ ގުޅުމަކީ ނައިކީއަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. ރެއާލް މެޑްރިޑްގެ ފޯވާޑް ނައިކީ ދޫކޮށް ދިއުމަކީ، ދުނިޔޭގެ މަޝްހޫރު އެތުލީޓުންނާއި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި ނައިކީއަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ ކަމެކެވެ.
ނައިކީއަކީ އަދިވެސް ދުނިޔޭގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކަމުގައި ވިޔަސް، ނިންމުނު ބައެއް ނުބައި ސްޓްރެޓެޖިކް ނިންމުންތަކުގެ ސަބަބުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 75 އިންސައްތަ ވެއްޓިފައެވެ. އަދި އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭ އެސްއެންޑްޕީ 100 އިންޑެކްސް އިން ވެސް މިދިޔަ މަހު ނައިކީ ވަނީ ބޭރުވެފައެވެ.
ކުޅިވަރު ރީޓެއިލް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މެޓް ޕަވެލް ފާހަގަކުރާ ގޮތުގައި، ނައިކީއަށް ހެދުނު އެންމެ ބޮޑު އެއް ގޯހަކީ ރީޓެއިލް ފިހާރަތަކާ އޮތް ގުޅުން ކަނޑާލައި، ހަމައެކަނި އޮންލައިންކޮށް ސީދާ ކަސްޓަމަރުންނަށް މުދާ ވިއްކަން ފެށުމެވެ. އަދި އާ އުފެއްދުންތައް ތަރައްގީކުރުމުގެ ބަދަލުގައި، ޑިޖިޓަލް އޮޕަރޭޝަންތަކަށް ބޮޑެތި ހަރަދުތައް ކުރުމެވެ. މީގެ އިތުރުން މަދު އަދަދަކަށް ނެރޭ ހާއްސަ ބޫޓުތައް (ލިމިޓެޑް އެޑިޝަން) އާންމުކޮށް ގަންނަން ލިބޭނެ ގޮތް ހެދުމުން، އެ ތަކެއްޗަށް އޮތް ޑިމާންޑް ދަށްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އީބޭ ގެ ކުރީގެ ވެރިޔާ ޖޯން ޑޮނަހޯގެ ވެރިކަމުގައި ނައިކީ އޮންލައިން ވިޔަފާރިއަށް ބަދަލުވި ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން ފައިދާވި ނަމަވެސް، ފަހުން މީހުން ހަރަދުކުރުން މަދުވުމާއި، ޗައިނާ ފަދަ ބޮޑެތި މާކެޓްތަކުގައި ވިޔަފާރި ދަށްވުމުން ވަޒީފާތައް މަދުކުރަން ޖެހުނެވެ. މި ދަނޑިވަޅުގައި 'އޮން' އަދި 'ހޯކާ' ފަދަ ޒަމާނީ އާ ބްރޭންޑްތަކުން ވަނީ ފިހާރަތަކުގެ ހަރުތަކުން ނައިކީގެ ޖާގަ ހޯދަން ފަށާފައެވެ.
1980 ގެ އަހަރުތަކުގައި އަލަށް ނުކުތް ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަންއާއެކު ބޮޑު ރިސްކެއް ނަގައިގެން އުފެއްދި "އެއާ ޖޯޑަން" ބްރޭންޑާއެކު ދުނިޔޭގެ އެއްވަނަ ހޯދި ނައިކީއަށް، މިހާރު ކުރިމަތިވެފައި މިވަނީ އެ ކުންފުނީގެ ތާރީޚުގައި ވެސް ދިމާވި އެންމެ އުނދަގޫ އެއް އިމްތިހާނެވެ.

