ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި ރެއިޑްތަކާއި ވެނެޒުއޭލާގެ ހަމަނުޖެހުންތައް ދުނިޔޭގެ ސަމާލުކަން ހޯދި މި ދަނޑިވަޅުގައި، ސޯޝަލް މީޑިއާގެ ސަމާލު ކަމަށް އައީ ޖެކެޓާއި ޓްރެކްސޫޓެކެވެ.
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރިކަން އިއުލާން ކުރެއްވުމަށް މި މަހު ތިން ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް އެކްސްގައި ޕޯސްޓު ކުރެއްވި ފޮޓޯއާ އެކު، ލަސްތަކެއް ނުވެ އާއްމުން ވަނީ މަޑޫރޯ ތުރުކުރައްވައިގެން ހުންނެވީ ކޮން ހެދުމެއްކަން ބަލާހޯދާފަ އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި މަޑޫރޯ ހުންނެވީ އަޅި ކުލައިގެ ނައިކީ ޓެކް 'ފްލީސް' ޖެކެޓަކާއި ޓްރެކްސޫޓެއްގަ އެވެ.
އެމެރިކާއިން ވަގަށް މަޑޫރޯ ހައްޔަރުކުރި މައްސަލައިގައި ދުނިޔޭގެ އެކި ގައުމުތަކުން ހޫނު ބަހުސްތައް ކުރަމުން ދިޔައިރު، ސޯޝަލް މީޑިއާގެ ސަމާލުކަން އޮތީ އެ ޓްރެކްސޫޓަށެވެ. އެކި ޒާތުގެ 'މީމް’ތައް ދައުރުވި އެވެ. ގިނަ ބަޔަކު، މަޑޫރޯއަކީ މި އަހަރުގެ ފުރަތަމަ 'ފެޝަން އިންފްލުއެންސާ’އޭ ވެސް ކިޔަން ފެށި އެވެ. އިސާހިތަކު ދެން އެ ޓްރެކްސޫޓު ވިކި ހުސްވި އެވެ.
ސިޔާސީ ކަންކަމުން ފެޝަނަށް އަސަރު ކުރާ ކަމަށް ގަބޫލު ނުކުރާ ނަމަ، މަޑޫރޯ ނައިކީ ހެދުމެއްގައި ހުންނެވި މަންޒަރާ އެކު ނައިކީގެ ސްޓޮކް މަތިވީ ކީއްވެގެން ހެއްޔެވެ؟
ޓްރަމްޕް އެ ފޮޓޯ ޝާއިއު ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނައިކީ ޓެކްއަށް އޮންލައިން ސާޗްތައް އިތުރުވި އެވެ. އަދި އެ ޓްރެކްސޫޓުގެ އެކި ސައިޒުތައް ރާސްލާފައި ވިކެން ފެށި އެވެ. އެކަމަކު އެންމެ އަޖައިބުވާ ކަމަކީ މި ފޮޓޯ ވައިރަލް ވުމުގެ ކުރިން ނައިކީ ކުންފުނީގެ އެތެރޭގެ މީހުން ވެސް އެ ސްޓޮކް ގަންނަން ފަށާފައި އޮތުމެވެ.

