އޮންލައިން ވިޔަފާރީގެ މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ "ގްލޯބަލް ދުކާން" މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައާރަފުކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓުން މައުލޫމާތު ދެއްވި ގޮތުގައި، ކަސްޓަމަރުން ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިކޮށް ޗެކްއައުޓް ކުރާ ވަގުތު "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" އިޚުތިޔާރު ކުރުމުން، އެތަނުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތް ފުރިހަމަކުރެވޭނެއެވެ. އަދި މިގޮތުން ޝަރުތުހަމަވާ ކަސްޓަމަރުން ބޭނުންނަމަ، ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށް ޚާއްޞަ ޕޭމަންޓް ލިންކެއް އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ޕޯސްޓް އޮފީހުން ވިދާޅުވިއެވެ.
މޯލްޑިވްސް ޕޯސްޓުން ފާހަގަކުރި ގޮތުގައި، މި އައު ޚިދުމަތަކީ ބައިނަލްއަޤުވާމީ ޕޭމަންޓް މެތަޑުތަކަށް ބަރޯސާވެ ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ ބަދަލުގައި، ދިވެހި ފައިސާއިން ފަސޭހަކަމާއެކު އަގު އަދާކުރުމަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެކެވެ. މީގެ ސަބަބުން ރާއްޖޭގެ ކަސްޓަމަރުންނަށް ގްލޯބަލް ދުކާން މެދުވެރިކޮށް ވިޔަފާރިކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބި، ފައިސާ ދެއްކުމުގެ މަރުހަލާ ކުރިއަށްވުރެ އަވަސްވެގެންދާނެއެވެ.
މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ކުރިއަށްގެންދާ މި ޚިދުމަތުގެ ދަށުން، އިންޑިއާގެ އެޑްރެހެއް ބޭނުންނުވެ، ގްލޯބަލް ދުކާން މެދުވެރިކޮށް ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދިނުމުގެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ވަނީ ހަމަޖެހިފައެވެ.
ގްލޯބަލް ދުކާން ޕްލެޓްފޯމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކާއި އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ ތަންތަނުގެ އުފެއްދުންތައް ހިމެނެއެވެ.
ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމަކާއި އިތުބާރެއް ހޯދާފައިވާ ގްލޯބަލް ދުކާން މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ، ދިވެހިންނަށް އޮންލައިން ވިޔަފާރީގެ ދާއިރާއިންނާއި ބައިނަލްއަޤުވާމީ މާކެޓްތަކަށް ވާސިލުވުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް މޯލްޑިވްސް ޕޯސްޓުން ދެކެއެވެ.

