ވޭތުވެދިޔަ 30 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކިއެކި ބޭނުންތަކަށް ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ފަރާތުން ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޑޮލަރަށް ބަރޯސާވާ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، 2021 އިން 2026 އާ ހަމައަށް ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި 3 ބިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 2 ބިލިއަން ޑޮލަރު ދޫކޮށްފައިވަނީ ފާއިތުވި 30 މަސްދުވަހުގެ ތެރޭގައެވެ. މިއީ ޑޮލަރުގެ ޑިމާންޑާއި ޓީޓީ ހެދުމަށް ބަލާއިރު ގާތްގަނޑަކަށް 63 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2022 ވަނަ އަހަރު ޓީޓީ ހެދުމަށް ބީއެމްއެލްއިން ރަސްމީ ރޭޓުގައި 130 މިލިއަން ޑޮލަރު ދޫކުރިއިރު، 2023 ގައި ދޫކުރީ 122 މިލިއަން ޑޮލަރެވެ. ނަމަވެސް، މިއަހަރުގެ މިހާތަނަށް އެކަނިވެސް 213 މިލިއަން ޑޮލަރު ޓީޓީއަށް ދޫކޮށްފައިވެއެވެ. މީގެކުރިން މަހެއްގެ މައްޗަށް ޓީޓީ ހެދުމަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދޫކުރި ނަމަވެސް، މިހާރު މަހަކު 27 މިލިއަން ޑޮލަރު ދޫކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ކާޑު މުއާމަލާތްތަކަށް 2022 ގައި 161 މިލިއަން ޑޮލަރު ދޫކުރިއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 304 މިލިއަން ޑޮލަރަށް އަރާފައެވެ.

ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، ބޭސްފަރުވާއަށްދާ ފަރާތްތަކުގެ އިތުރުން ހައްޖާއި އުމްރާއަށް ފުރާ ފަރާތްތަކަށްވެސް ބީއެމްއެލްއިން ރަސްމީ ރޭޓުގައި ޑޮލަރު ފޯރުކޮށްދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދެއްކި އެންމެ ބޮޑު ދަރަނި ކަމަށްވާ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ދައްކާފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ފޮރިން އެކްސްޗޭންޖް ޤަވާއިދަށް ބަދަލު ގެނެސް، މާރުކުރަންޖެހޭ މިންވަރު %20 އިން %40 އަށް ބޮޑުކޮށްފައިވާ ކަމަށެވެ. މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި ބަދަލުގެ ފުރިހަމަ ނަތީޖާ ފެންނަން ފަށާނެ ކަމަށާއި، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެމްއެމްއޭއާ ގުޅިގެން ކުރެވޭ މަސައްކަތްތަކުން އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *