މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން، މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ބޭއްވި ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅޭ ބައިނަލްއަޤްވާމީ މުހިންމު ކޮންފަރެންސެއްގައި ބައިވެރިވެއްޖެއެވެ.

ޕީއެމްއައި މެލޭޝިއާއިން އިންތިޒާމުކޮށްގެން މި ހިނގާ މަހުގެ 12 އިން 13 އަށް ކުރިއަށްގެންދިޔަ "ޕްރިޒަމް އެންޑް އިގްނައިޓް 2026″ ގެ ނަމުގައި ބޭއްވި މި ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ޗެއަރޕާސަން އަލްފާޟިލާ ސާދާ އިބްރާހީމެވެ. މީގެ އިތުރުން ސީނިއަރ ޖެނެރަލް މެނޭޖަރ އުމަރު ޒާހިރާއި، ޖެނެރަލް މެނޭޖަރ އިބްރާހީމް ޙަސަން އަދި އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން (ސީޑީޑީ) ގެ ޒޯން މެނޭޖަރުން ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

"ޕްރޮޖެކްޓް މެނޭޖަރ އެޒް އޯކެސްޓްރޭޓަރ: ދަ ގާޑިއަން އޮފް ޕްރޮޖެކްޓް ވެލިއު" މި ޝިޢާރުގެ ދަށުން ބޭއްވި މި ކޮންފަރެންސަކީ، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ މާހިރުންނާއި، ސިނާއީ ލީޑަރުން އަދި އީޖާދީ ފަރާތްތައް އެއްތަނަކަށް އެއްކޮށް، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މިގޮތުން، ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާއިރު ހަރުދަނާ ލީޑަރޝިޕެއް ޤާއިމުކުރުމާއި، ޑިޖިޓަލް ބަދަލުތައް ގެނައުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށްގެންދިއުމުގެ އިތުރުން، ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުމާއި އަގުހުރި ނިންމުންތައް ނިންމުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން، ޕްރޮޖެކްޓްތައް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، އޮޕަރޭޝަނަލް ކޯޑިނޭޝަން ރަނގަޅުކުރުމުގެ އިތުރުން، މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް ބޭނުންވާ މުހިންމު ވިސްނުންތަކާއި ޒަމާނީ މަޢުލޫމާތުތައް ލިބިގެންދިޔަ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އަދި މިއީ އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ނަތީޖާއެއް ޙާޞިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *