މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގުތަކަށް މިއަދު ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސެންޓަރުތަކާއި މަސް ގަންނަ ބޯޓުފަހަރަށް މިއަދުން ފެށިގެން މަސް ގަންނަމުންދާނީ ޖުމްލަ ތިން ރޭޓެއްގައެވެ. އެއީ:
- 1 ޓަނާއި 5 ޓަނާ ދެމެދުގެ ބަރުދަނަށް: ކިލޯއެއް 21.00 ރުފިޔާއަށް
- 5 ޓަނާއި 8 ޓަނާ ދެމެދުގެ ބަރުދަނަށް: ކިލޯއެއް 22.00 ރުފިޔާއަށް
- 8 ޓަނަށްވުރެ މަތީގެ ބަރުދަނަށް: ކިލޯއެއް 22.75 ރުފިޔާއަށް
މި ރޭޓުތަކުގައި މިއަދު މަސް ކިރަމުންދަނީ ގދ. ތިނަދޫ ބަނދަރު، ޅ. ފެލިވަރު ބަނދަރު، ހއ. އިހަވަންދޫ ބަނދަރު، ލ. ހިތަދޫ ބަނދަރު އަދި މ. މުލަކު ބަނދަރުންނެވެ.
މިފްކޯއިން ފާހަގަކުރި ގޮތުގައި މި ބަދަލަކީ ބައިނަލްއަޤްވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު މުހިންމު ބަދަލެކެވެ. މީގެއިތުރުން، މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯގެ މެނޭޖްމަންޓުން ވަނީ ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރައްވައި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިފަސޭހަ މަގުތަކެއް ހޯއްދަވައިދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން، މަސްވެރިން ކިރާ މަހަށް ވީ އެންމެ އަވަހަކަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މިހާރު މަސް ކިރާތާ 48 ގަޑިއިރު ހަމަވުމުގެ ކުރިން ފައިސާ ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

