ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ "މާކެޓް ޕްލޭސް" ޑިސްޓްރިކްޓުގައި މިއަހަރު 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބީސީސީ ގުޅިގެން ބާއްވާ މި މައުރަޒަކީ، ދިވެހި އުފެއްދުންތައް މާކެޓްކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މި ހިނގާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ އަހަރުގެ އެކްސްޕޯގައިވެސް އާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބިގެންދިޔައީ މާކެޓް ޕްލޭސް ޑިސްޓްރިކްޓަށެވެ. އަދި މިއަހަރުވެސް މި ބަޔަށް އޮތް ތަރުޙީބު އިތުރުވެފައިވާއިރު، މިދިޔަ އަހަރު މި ޑިސްޓްރިކްޓުގައި 100 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 130 އަށްވުރެ މައްޗަށް އަރާފައެވެ. ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސްޓޯލްތަކުގެ ޖާގަވެސް މިއަހަރު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ސްޓޯލްތަކުގައި 5 ފޫޓު 6 ފޫޓުގެ ޖާގައެއް ހުރި ނަމަވެސް، މިއަހަރުގެ ސްޓޯލްތައް ފަރުމާކޮށްފައިވަނީ 8 ފޫޓު 8 ފޫޓުގެ ތަނަވަސް ޖާގައަކާއެކުގައެވެ.
މާކެޓް ޕްލޭސް ޑިސްޓްރިކްޓަކީ ޢާންމުކޮށް ކުދި ވިޔަފާރިތަކަށް ޚާއްޞަ ބައެކެވެ. މީގެ ތެރޭގައި ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކާއި، އަތްތެރި މަސައްކަތް ނުވަތަ އާރޓް އެންޑް ކްރާފްޓްގެ އުފެއްދުންތައް ހިމެނެއެވެ. ޚާއްޞަ ކަމެއްގެ ގޮތުގައި މިއަހަރުގެ މާކެޓް ޕްލޭސްގައި ދެ ރަށަކުން ދެ ގާޑިޔާ ބައިވެރިވާނެއެވެ. އެއީ ފުވައްމުލައް ސިޓީގެ އިތުރުން ބ. އޭދަފުށިން ބައިވެރިވާ ގާޑިޔަލެވެ.
މިއަހަރުގެ މައުރަޒަކީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑު އަދި ތަފާތު މައުރަޒަކަށް ވެގެންދާނެ ކަމަށް ބީސީސީން ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މައުރަޒުގައި 240 އެގްޒިބިޓަރުންނާއި 2400 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރުގެ މައުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވެ، 4800 އަށްވުރެ ގިނަ އުފެއްދުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުޞަތެކެވެ.

