ސަރުކާރަށް ދައްކަންޖެހޭ ފައިސާ ލަސްވުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދައްކަންޖެހޭ ޓެކްސްގެ އަދަދު އެ ފައިސާއިން އަޅާކަނޑައިދިނުމަށާއި، ރާއްޖެ އެތެރެކުރާ ރޯ މެޓީރިއަލްގެ ޑިއުޓީ މައާފުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ބަދަލުތަކުގެ ސަބަބުން އެމްއެސްއެމްއީތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އެކި މަސައްކަތްތައް ކުރާ އެމްއެސްއެމްއީތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ލަސްވުމަކީ ޓެކްސް ދެއްކުމުގައި އެ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ދަތިތައް ހައްލުކުރުމަށް ޓަކައި މި މުހިންމު ނިންމުންތައް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މަޝްވަރާ ކޮށްފަ ނިންމާފައި އެ ވަނީ އެމްއެސްއެމްއީ ދާއިރާގައި އެކި ކަހަލަ ވިޔަފާރިތައް ކުރާ ފަރާތްތަކުން ދައްކަން ހުންނަ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރާގޮތް. މާނައަކީ އެ ފަރާތްތަކަށް ސަރުކާރުން ދޭން އޮންނަ ފައިސާއަށް، އެ ފަރާތްތަކުން ޓެކްސް ދެއްކުމަށް އޮންނަ އަދަދު އަޅާކަނޑާފައި އޮފްސެޓް ކޮށްފައި ފައިސާ ދައްކާގޮތަށް ހަމަޖެހިގެންދާނީ،
ރައީސް
ރައީސް ތަފްސީލުކޮށްދެއްވި ގޮތުގައި، މި އުސޫލުގެ ދަށުން ކުންފުންޏަކުން ދައްކަންޖެހޭ ޓެކްސްއަށްވުރެ ސަރުކާރުން އެ ފަރާތަށް ދޭންޖެހޭ އަދަދު ބޮޑުނަމަ، އެ ފަހަރަކު އެ ކުންފުނިން ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. އަދި އަޅާކެނޑުމަށްފަހު ބާކީވާ ފައިސާ ސަރުކާރުން އެ ފަރާތަކަށް ދޫކުރާނެއެވެ. ހަމައެއާއެކު، ސަރުކާރުން ދޭންޖެހޭ އަދަދަށްވުރެ ޓެކްސް ބޮޑުވާ ހާލަތްތަކުގައި ދައްކަންޖެހޭނީ ލިބެންޖެހޭ އަދަދު ކަނޑާފައި ބާކީވާ ބައެވެ. މި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް ކުޑަވެ، ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޖީއެސްޓީ ރަޖިސްޓްރީ ކުރަންޖެހޭ އަހަރީ ތްރެޝްހޯލްޑް އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް މަތިކުރަން ވެސް ނިންމަވާފައިވެއެވެ. މި ބަދަލު އަންނަ ޖެނުއަރީ އެކަކުން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ޓަކައި ގެންނަންޖެހޭ ގާނޫނީ އަދި ގަވާއިދީ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެސްއެމްއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ ރޯ މެޓީރިއަލްސްގެ ތެރެއިން ޚާއްސަ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައިވާ ބާވަތްތަކުން ޑިއުޓީ މައާފްކުރުމަށް ވެސް ނިންމަވާފައިވެއެވެ. މި ނިންމުން އަންނަ ޖެނުއަރީން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ބަލައިގަންނާނެ ކަމަށް ރައީސް މިރޭ އިއުލާނު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގައި އުފައްދާ ތަކެއްޗަށާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ހުރި ދަތިތައް ފާހަގަކުރެވިފައިވާ ކަމަށާއި، މިކަމަށްވެސް ބޮޑު ބަދަލެއް ގެނެސް، އެކަމުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން މިހާރު ތައްޔާރުވެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

