ގިނަ އަދަދެއްގެ ފަތުރުވެރިން ގޮވައިގެން އިންޑިއާގެ މަޝްހޫރު ކްރޫޒްލައިނާއެއް ކަމަށްވާ "އެމްއެސް ކޯޑީލިއާ އެމްޕްރެސް" ރާއްޖެއަށް އަތުވެއްޖެއެވެ.

އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެ އައި މި ކްރޫޒްލައިނާގައި ތިބި ފަތުރުވެރިން ވަނީ ވެރިރަށް މާލެއަށް ފައިބައި، މާލޭގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކޮށްފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބޯޓުން ރާއްޖެ އައި 1،473 ފަތުރުވެރިންނަށާއި، ބޯޓުގައި މަސައްކަތްކުރާ 613 ފަޅުވެރިންނަށް މިހާރު ވަނީ އިމިގްރޭޝަން ކްލިއަރެންސް ދީފައެވެ.

"ކޯޑީލިއާ ކްރޫޒް" އަކީ އިންޑިއާގެ ކުންފުންޏަކުން ހިންގަމުން އަންނަ، އަދި ދެކުނު އޭޝިއާގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައިނާގެ މައިގަނޑު މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އަވަށްޓެހި ސްރީލަންކާ އަދި އިންޑިއާގެ މަޝްހޫރު އެކި ސިޓީތައް ހިމެނެއެވެ. "އެމްޕްރެސް އޮފް ދަ ސީޒް" މަރުކާގެ މި ބޮޑު ކްރޫޒް ޝިޕަކީ އެއްފަހަރާ 1،600 އާއި 1،910 އާ ދެމެދުގެ ޢަދަދަކަށް ފަސިންޖަރުންނާއި، 671 ފަޅުވެރިން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބިޔަ އުޅަނދެކެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ދަތުރުކުރާ ކްރޫޒްލައިނާތަކުގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަންޒިލެކެވެ. އެގޮތުން، މި ހިނގާ އަހަރުގެ މިހާތަނަށްވެސް ގިނަ ޢަދަދެއްގެ ކްރޫޒްލައިނާތައް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ކްރޫޒްލައިންތަކުގައި 15,583 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިންތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 8,263 ފަތުރުވެރިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *