މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޤައުމީ އެއާލައިން މޯލްޑިވިއަނުން މާލެއިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.
މި ދަތުރު ފަސްކުރިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ މުޅި ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޚާއްޞަކޮށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރައްވައި، މޯލްޑިވިއަނުން ވިދާޅުވީ މިހާރު އޮތް ޙާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއް ކަމަށެވެ.
ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން، ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައިވެސް މިވަގުތު ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މަސްރަޙު ނުތަނަވަސްވުމުގެ ސަބަބުން، ދުނިޔޭގެ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުންވެސް މިހާރު ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ކުއްލިގޮތަކަށް މި ދަތުރު ފަސްކުރަން ޖެހުމާ ގުޅިގެން، ޢުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދިފައެވެ. އަދި ކޮންމެ ފަދަ ޙާލަތެއްގައިވެސް ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ހާމަކުރެއެވެ.
މީގެއިތުރުން، އެ ސަރަޙައްދުގެ މަސްރަހު ހަމައަކަށް އެޅި، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކަވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް، އެއްވެސް އިތުރު އަގަކާނުލައި ޢުމުރާގެ އަޅުކަމަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ދެއްވާފައެވެ.
ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން އިތުރަށް ވިދާޅުވީ، މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް މި ދަނޑިވަޅުގައި ބޭނުންވާނެ އެންމެހައި އެހީތެރިކަން ދެ މުއައްސަސާ ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ސަރަޙައްދުގެ މަސްރަޙު ފުރިހަމައަށް ހަމައަކަށް އެޅުމުން، ދަތުރު ކުރިއަށްދާނެ އައު ތާރީޚެއް ލަސްތަކެއްނުވެ ފަސިންޖަރުންނާ ޙިއްޞާކުރައްވާނެ ކަމަށްވެސް އެ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

