މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ޖަލްސާގައި، ސީދާ 59 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ބައިވެރިވިއެވެ. މިއީ މުޅި ކުންފުނީގެ ހިއްސާގެ 69.75 އިންސައްތައެވެ. އެއީ ޖުމްލަ 5,602,272 ހިއްސާއެވެ.

މި ޖަލްސާގައި ފާސްކުރި މުހިންމު ނިންމުންތަކުގެ ތެރޭގައި ހިއްސާގެ ފައިދާ ބެހުން ހިމެނެއެވެ. އެގޮތުން މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ހިއްސާދާރުން ވަނީ ނިންމާފައެވެ. އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ވަނީ 85 މިލިޔަން ރުފިޔާ ލިބިފައެވެ.

މީގެއިތުރުން، މި ޖަލްސާގައި ވަނީ ކުންފުނީގެ މާލީ ރިޕޯޓުތަކާއި، ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓާއި ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް (Deloitte) ވަނީ ހަމަޖައްސާފައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ދެ މަގާމެއްގެ ދައުރު ހަމަވުމާ ގުޅިގެން، އޭގެ ތެރެއިން އެއް މަގާމަށް ރ. ރަސްގެތީމު، ހުދުވެލި، ހުސައިން ހަސަންފުޅު އައްޔަންކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި ބޯޑުން ހުސްވެފައިވާ އަނެއް މަގާމަށް މީހަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ޚާއްސަ އާންމު ޖަލްސާ، ގަވާއިދުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން އިއުލާންކުރާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ދިވެހިރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަވާފައިވާއިރު، އެމްޓީސީސީން މިހާރު ދަނީ އާރްޑީސީގެ ދަށުގައި ހުރި މަޝްރޫއުތަކާ ހަވާލުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *