މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެރިރަށް މާލޭގައެވެ. މި ޖަލްސާގައި މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް 4 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ ނޮވެމްބަރު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ. މި މުއްދަތު އިތުރުކޮށްފައިވަނީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަކީ:
- އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑު (35 އަހަރުން ދަށް): މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް.
- އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު (35 އަހަރުން މަތި): މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް.
- ޚިދުމަތްތެރި ފަރު މަސްވެރިޔާގެ އެވޯޑު: އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް.
- ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު: މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އަންހެނުންނަށް.
މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެވޯޑުތަކަށް އެދި ހުށަހަޅާ ފޯމުތައް އެ ވުޒާރާގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް [email protected] މެދުވެރިކޮށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

