ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހު އުނިކޮށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ނިންމަވާނެ ކަމަށް ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ސަރުކާރުން ނަގަން ނިންމި ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް އުނިކުރުމާ ގުޅޭގޮތުންނެވެ.
ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ޓުއަރ އޮޕަރޭޓަރުން އަތުން %17 ގެ ޓީޖީއެސްޓީއެއް ނަގަން ނިންމީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފާގެ މަތިން ކަމަށެވެ. އަދި ޤާނޫނަށް ގެނައި ބަދަލާއެކު، މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކަން ތަންފީޒުކުރަން ފަށައި، މިހާތަނަށް 100 އަށްވުރެ ގިނަ ބޮޑެތި ޓުއަރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ޓުއަރ އޮޕަރޭޓަރުންގެ އަތުން އެ ޓެކްސް ނުނަގައި، ކުރިންވެސް އޮތްގޮތަށް އުސޫލު ބަދަލުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.
މި ނިންމުމަކީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، މާލީ ވުޒާރާ، ބަންޑާރަނައިބުގެ އޮފީސް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، މަޓީ އަދި ސިނާއަތުގެ އިސް ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބަދަލު ގެނައުމަށްޓަކައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަޖިލީހުން މި ބިލު ފާސްކޮށް މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓެލްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބައެއް ފަރާތްތަކުން މާކެޓް އަގުތަކުގައި (ފެއަރ ޕްރައިސް) ޚިދުމަތް ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޤާނޫނަށް މިގެންނަ އިސްލާހާއެކުވެސް، މާކެޓުގެ ހަމައަގު ހޯދުމުގެ ފުރުސަތު މީރާއަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީރާއަށް ޖާގަ ލިބޭނެ ފެއަރ ޕްރައިސްއެއް ކަނޑައެޅުމުގައި. މާކެޓުގައި ހަގީގަތުގައި ވިއްކާ އަގަށްވުރެ ދަށް އަގެއް ރިސޯޓު އޮޕަރޭޓަރުން ޓީޖީއެސްޓީއަށް ހުށައަޅައިފިއްޔާ، އެކަމެއް ބަލާ، ފެއަރ ޕްރައިސް ހޯދުމުގެ ޖާގަ މީރާއަށް ލިބޭނެ،
ވަޒީރު
ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ފަތުރުވެރިކަމުގެ ސިނާއަތާއި، އިންވެސްޓަރުންނާއި، އަދި ޑިވެލޮޕްމަންޓް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކަށް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

