ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު އަދި މުއްސަނދި މަޢުލޫމާތުތަކެއް އެކުލެވޭ "ވިސިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2027″ އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ރަސްމީކޮށް ނެރެފިއެވެ.

މި ފޮތް ނެރެދެއްވާފައިވަނީ ޑަބްލިއުޓީއެމް ފެއާގެ ރާއްޖޭގެ ސްޓޭންޑުގައި ބޭއްވި ޚާއްޞަ އިވެންޓެއްގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.

ޑެސްޓިނޭޝަން ގައިޑަކީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޝާއިއުކޮށް ގަވާއިދުން ނެރެމުން އަންނަ ޚާއްޞަ ފޮތެކެވެ. މިއަހަރުގެ އެޑިޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މާކެޓަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ރޭވުންތެރިކަމާއެކު ގިނަ މަޢުލޫމާތުތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށެވެ.

މި ގައިޑުގައި ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ތަފްޞީލުކޮށް ހިމަނާފައިވެއެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ މެންބަރ ޕްރޮޕަޓީތައް، ރާއްޖޭގެ އާދަކާދަ، ސަޤާފަތާގުޅޭ މުހިންމު ކަންކަން މި ފޮތުގައި ހިމެނޭނެ. މި ފޮތް މި ފެއަރގައި ލޯންޗްކުރުމުގެ މައިގަނޑު ބޭނުމަކީ، ބީޓުބީ (ބިޒްނަސް-ޓު-ބިޒްނަސް) ބައްދަލުވުންތަކުގައި މި މަޢުލޫމާތުތައް ބޭރުގެ ވިޔަފާރިތަކާ ޙިއްސާކުރެވި، އަދި އެ ފަރާތްތައް މެދުވެރިކޮށް ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން،" ޔާސިރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މިފަދަ ފުރިހަމަ ގައިޑެއް ނެރެވިގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

މި ނެރުނު މޯލްޑިވްސް ޓްރެވަލް ގައިޑުގައި ރާއްޖެއިން ލިބެންހުރި ތަފާތު ތަޖުރިބާތަކާއި ދަތުރުފަތުރާ ގުޅޭ މުހިންމު އެތައް މަޢުލޫމާތެއް ވަނީ ހިމަނާފައެވެ. މިއީ ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނަށާއި، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ރާވަމުންދާ ފަތުރުވެރިންނަށް ބޭނުންތެރި މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގެންދާނެ އަގުހުރި ވަޞީލަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *