ރާއްޖޭގެ ޤައުމީ ޕޭމަންޓް ނިޒާމު "ފަވަރަ" އާ ގުޅުމަށްޓަކައި ޑިޖިޓަލް ވޮލެޓް ޚިދުމަތްދޭ "ފަހިޕޭ" އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއާއެކު ފަހިޕޭ ވެގެންދާނީ ފަވަރަ ނިޒާމާ ގުޅޭ ބޭންކު ނޫން ދެވަނަ މާލީ މުއައްސަސާއަށެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިދާޅުވީ ފަހިޕޭއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެ ޕްލެޓްފޯމް ފަވަރަ ޚިދުމަތާ ގުޅިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފަހިޕޭ މެދުވެރިކޮށް ފަވަރައިގެ ޚިދުމަތް ދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް ނިންމައި، އާންމުންނަށް ޚިދުމަތް ފޯރުކޮށްދޭން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.

"ފަވަރަ" ނިޒާމަކީ ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް އޮތް ނަމަވެސް، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވަގުތުން ފައިސާ ޖަމާކުރެވޭ ޒަމާނީ ނިޒާމެކެވެ. މީގެ އިތުރުން "ފަވަރަ ރިކުއެސްޓް" މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބިލު ފޮނުވައިގެން ފައިސާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. މިހާތަނަށް ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ބޭންކުތަކެއްގެ އިތުރުން، ބޭންކު ނޫން މާލީ ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ދިރާގުގެ ޑިޖިޓަލް ވޮލެޓްވެސް ވަނީ މި ނިޒާމާ ގުޅިފައެވެ.

ފަވަރައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ފަވަރަ ނިޒާމު އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އާ ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، މިހާރު ވަނީ އެ ޚިދުމަތްވެސް ރަސްމީކޮށް ފަށާފައެވެ. އަދި މި މަޝްރޫޢުގެ ދެވަނަ މަރުހަލާގެ ދަށުން، ކިއުއާރު (QR) ކޯޑު ބޭނުންކޮށްގެން ވިޔަފާރިތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން، ފަވަރަ އަދި ޕޭމަންޓް މޯލްޑިވްސްގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެމްއެމްއޭއިން ވަނީ ދާދިފަހުން ޚާއްސަ ހޮޓްލައިނެއްވެސް ތަޢާރަފްކޮށްފައެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި ހޮޓްލައިނަކީ އެ އޮތޯރިޓީގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ކަސްޓަމަރުންނަށް ދިމާވާ އެކިއެކި މައްސަލަތައް އަވަހަށް ހައްލުކޮށްދިނުމަށް ޤާއިމުކުރި ނަންބަރެކެވެ. މި ހޮޓްލައިނަށް ހުށަހެޅޭ މައްސަލަތައް ބަލައި، ޙައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ޕޭމަންޓް މޯލްޑިވްސްއިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *