މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ (އެމްއައިސީ)، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަދި މަޑިފުށި ޕްރައިވެޓް އައިލެންޑް (އެމްޕީއައި) ގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ހާއްސަ ހަރަކާތް، "ދަ ގޯލްޑަން ޓިކެޓް" ކެރިއަރ އޯޕަން ޑޭ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްގައެވެ. މި އޯޕަން ޑޭ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ އިން މައުލޫމާތު ދޭގޮތުގައި، މި ހަރަކާތުގައި ބައިވެރިވުމަށްޓަކައި ކުރިޔާލައި އެއްވެސް ފޯމެއް ފުރާކަށް ނުޖެހޭނެއެވެ. އަދި މި އިވެންޓުގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ އިސް ފަރާތްތަކާ ސީދާ ބައްދަލުކޮށް، ވަޒީފާތަކާ ބެހޭ ފުރިހަމަ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދާނެއެވެ.

މި ހަރަކާތުގެ ތެރެއިން އެކި ދާއިރާތަކާއި ޑިޕާޓްމަންޓުތަކުން ވަޒީފާގެ ގިނަ ފުރުސަތުތަކެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:

  • ފުޑް އެންޑް ބެވަރޭޖް އަދި ކަލިނަރީ
  • ހައުސްކީޕިންގ، ފްރަންޓް އޮފީސް އަދި ގެސްޓް ރިލޭޝަންސް
  • އިންޖިނިއަރިންގ އަދި މެއިންޓެނެންސް
  • ސްޕާ އެންޑް ވެލްނެސް، ރެކްރިއޭޝަން އަދި ވޯޓަރ ސްޕޯޓްސް
  • ކޭޓަރިންގ، ކޮލިޓީ އެޝުއަރެންސް އަދި ފުޑް ސޭފްޓީ
  • ހިއުމަން ރިސޯސަސް (އެޗްއާރު)، ފައިނޭންސް އަދި ޕްރޮކިއުމަންޓް
  • އައިޓީ، އެޑްމިން އަދި ކޯޕަރޭޓް ސާވިސަސް

މި ހުރިހާ ދާއިރާތަކަކުންވެސް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގއަކީ 1988 ވަނަ އަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސިންގަޕޫރުގެ ސެޓްސް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އިންފްލައިޓް ކޭޓަރިންގ އަދި ހޮސްޕިޓާލިޓީގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *