ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން ދެވަނަ ހަފުތާއެއްގައި ވެސް ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބްރެންޓް ސާފުނުކުރާ ތެލުގެ އަގު ވަނީ 28 ސެންޓު ނުވަތަ 0.29 އިންސައްތަ ދަށަށް ގޮސްފައެވެ. މިއާއެކު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 95.54 ޑޮލަރުގައެވެ. އަދި ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ތެލުގެ އަގު 56 ސެންޓު ނުވަތަ 0.63 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 88.18 ޑޮލަރަށް ތިރިވެފައެވެ.
މިދިޔަ ހަފުތާގައި ބްރެންޓް ތެލުގެ އަގު 16 އިންސައްތަ އަދި ޑަބްލިއުޓީއައި ތެލުގެ އަގު 13 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ހަފުތާގައި ވެސް ޖުމްލަކޮށް ތެލުގެ އަގު 2.9 އިންސައްތަ ދަށަށް ދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ތެލުގެ އަގަށް މި ބަދަލު އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ، އެމެރިކާއިން އީރާން ހިސާރުކޮށްފައި އޮތުމުން މެދުއިރުމަތީގައި އިތުރަށް އަސްކަރީ ކުރިމަތިލުންތައް ފުޅާވެގެން ނުދާނެ ކަމުގެ އުންމީދު އާވުމެވެ. މިގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއެކު އެއްބަސްވުމެއް ހެދުން ކޮންމެހެން މުހިންމު ނޫން ކަމަށެވެ.
ނިއު ދިއްލީގެ ރިސާޗް ކުންފުންޏެއް ކަމަށްވާ އެސްއެސް ވެލްތުސްޓްރީޓްގެ ބާނީ ސުގަންދާ ސަޗްދޭވާ ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ މި ވާހަކަފުޅުގެ ސަބަބުން، އަސްކަރީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ބަދަލުގައި އެމެރިކާއިން އިސްކަންދޭނީ އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށާއި ތެޔޮ އުފުލުމަށް ހުރަސްއެޅުމަށް ކަމަށް ބެލެވި، ބާޒާރަށް އޭގެ ހަމަޖެހުން ވަނީ ލިބިފައެވެ.
މީގެއިތުރުން، އެމެރިކާގައި ތެލަށް އޮތް ޑިމާންޑް ދަށްވެ، އިމްޕޯޓް އިތުރުވުމުގެ ސަބަބުން އެ ގައުމުގެ ތެލުގެ ރިޒާވް މިދިޔަ ހަފުތާގައި އިތުރުވެފައިވާ ކަމަށް ޔޫއެސް އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން ވެސް ވަނީ ހާމަކޮށްފައެވެ.
ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، މުހިންމު މަގެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށް ކުރާ ތެލުގެ ވިޔަފާރީގެ ރައްކާތެރިކަމާމެދު އަދިވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން، ދިން އިންޒާރުތަކަށް ބޯނުލެނބުމުން އެ ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ހަތަރު ބޯޓަކަށް ގޮވުންތަކެއްގެ އަސަރުކޮށްފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން އިއްޔެ ވަނީ ބުނެފައެވެ. އަދި ބުދަ ދުވަހު ހުއްދަ ނޫން މަގަކުން ދަތުރުކުރުމުގެ ސަބަބުން ބޮޑު ދެ ޓޭންކަރަކަށް ގެއްލުން ލިބިފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ސައޫދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅީގެ ޕަމްޕިން ސްޓޭޝަނަކަށާއި، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ސިޓީގެ ތެޔޮ މަރުކަޒަކަށާއި، ވެރިރަށް ރިޔާޟްގައި ހުންނަ ސައޫދީ އަރާމްކޯގެ އިމާރާތަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ވެސް ވަނީ އިއްޔެ އިއުލާނުކޮށްފައެވެ.
މި ކަންކަމާ ގުޅިގެން މާހިރު ސަޗްދޭވާ އިންޒާރު ދެއްވާފައިވަނީ، ސަރަހައްދީ ސިޔާސީ ނުތަނަވަސްކަން އަދިވެސް އޮތީ އިންތިހާއަށް މަތީ މިންވަރެއްގައި ކަމަށްވާތީ، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް އަލުން އެއްވެސް ބުރޫއެއް އަރައިފިނަމަ، ތެލުގެ އަގުތައް ވަރަށް އަވަހަށް އަނެއްކާވެސް އުފުލިގެން ހިނގައިދާނެ ކަމަށެވެ.

