ފިންލެންޑުގެ ހެލްސިންކީގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ މަޝްހޫރު ސްޓާޓްއަޕް އިވެންޓް "ސްލަޝް 2026″ ގެ ކުރިން، ތިން ދިވެހިން އިސްވެ އުފައްދާފައިވާ ޑީޕް-ޓެކް އޭއައި އިންފްރާސްޓްރަކްޗާ ކުންފުނި، ސިނެޓެކްސް އިންކްއިން އެ ކުންފުނީގެ ކޯޕަރޭޓް ވެބްސައިޓް އަލުން ފަރުމާކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށާއި ސައިބާ ސެކިއުރިޓީއަށް ޚާއްޞަ އޭއައި މޮޑެލްތައް އުފައްދާ ބައިނަލްއަޤްވާމީ ފެންވަރުގެ ކުންފުންޏެއްގެ ގޮތުގައި އެ ފަރާތް ތަމްސީލުކުރުމަށް ގެނައި މުހިންމު ބަދަލެކެވެ.

ދުނިޔޭގައި 7،000 އަށް ވުރެ ގިނަ ބަހުން ވާހަކަދައްކާއިރު، އިތުބާރު ހުރި އޭއައި ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ މިންވަރަށް އޮންލައިން ޑޭޓާ ހުރީ ވަރަށް މަދު ބަހެއްގައެވެ. ސިނެޓެކްސްގެ ހޯދުންތަކުން ދައްކާ ގޮތުގައި، މިފަދަ ޑޭޓާ މަދު ބަސްތަކުން ވާހަކަދައްކާ މީހުންގެ އަދަދު ދުނިޔޭގައި 3.4 ބިލިއަނަށް އަރައެވެ. މި ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ދިވެހިބަހުން މަސައްކަތް ފަށައި، ސިނެޓެކްސް އިން ވަނީ އަޑު ދެނެގަތުމާއި (speech recognition)، ލިޔުން އަޑަށް ބަދަލުކުރުމާއި (text-to-speech)، ތަރުޖަމާކުރުން އަދި ސްކޭންކޮށްފައިވާ ލިޔުންތައް ކިޔައިދޭ ޒަމާނީ މޮޑެލްތައް ތަރައްގީކޮށްފައެވެ. އަދި ދިވެހިބަހުގައި ބޭނުންކުރެވޭ ފަދަ ތަމްރީނު ޑޭޓާ މަދުވުމުން، އެ ކުންފުނިން ވަނީ ޑޭޓާ ސާފުކުރުމަށާއި ޓްރެއިނިން ޕައިޕްލައިން އޮޓޮމޭޓް ކުރުމަށް އަމިއްލަ ޓޫލްތަކެއް އުފައްދާފައެވެ. ކުންފުނީގެ އަމާޒަކީ މި ވަސީލަތްތައް ބޭނުންކޮށްގެން ދުނިޔޭގެ އެހެން ބަސްތަކަށްވެސް މި ޚިދުމަތް ހަލުވިކަމާއެކު ފުޅާކުރުމެވެ.

ކުންފުނީގެ ދަތުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސިނެޓެކްސްގެ ކޯ-ފައުންޑަރު އަދި ސީއީއޯ އިސްމާޢީލް ކަލީމް ވިދާޅުވީ، ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ އުފެއްދުމުގެ ފެންވަރު ބެލުމުގެ ކުރިން، ނިސްބަތްވާ ގައުމަށް ބަލައި މީހުން ގޮތް ނިންމުން ކަމަށެވެ.

"ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް، އަދި ދިވެހިބަހަކީ ޑިޖިޓަލް ފިޔަވަޅުތައް މަދު، ލިބެންހުރި ޑޭޓާ ނިސްބަތުން ވަރަށް މަދު، ވަސީލަތްތައް އިންތިހާއަށް މަދު ބަހެއް. މިއަށް އޭއައި ބިނާކުރުމަކީ ވަރަށް އުނދަގޫވި ކަމެއް. އަދި އެހެން ބަސްތަކަށް މޮޑެލްތައް ތަރައްގީކޮށް ފުޅާކުރުމަށް އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމަ މި ތަޖުރިބާ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދިވެހިވަންތަކަން ހިފަހައްޓަމުން، މިފަދަ ދަތިތަކާ ކުރިމަތިލާ އެހެން މުޖުތަމަޢުތަކަށް ވެސް ތާނަ އޭއައި ފޯރުކޮށްދިނުމަށް،" އިސްމާޢީލް ކަލީމް ވިދާޅުވިއެވެ.

ސިނެޓެކްސް އިން ވަނީ ދިވެހި އަދި އިނގިރޭސި ބަހަށް ޚާއްޞަ އޭއައި އެސިސްޓެންޓް "ތާނަ އޭއައި" އޮގަސްޓް 2026 ގައި ރާއްޖޭގެ އާންމު ފަރުދުންނަށް ހުޅުވާލާފައެވެ. ކޯޕަރޭޓް އަގަށް ވުރެ 95 އިންސައްތަ ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، މިހާރު ދަނީ ސްމާޓްފޯނުތަކަށް ޚާއްޞަ މޯބައިލް އެޕެއް ތަޢާރަފުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި ޓެކްނޮލޮޖީގެ މިލްކުވެރިކަން ސިނެޓެކްސް އިންކް އޮތްއިރު، ރާއްޖޭގައި މި ޚިދުމަތް ޑިސްޓްރިބިއުޓް ކުރަނީ ތާނަ އޭއައި ޕްރައިވެޓް ލިމިޓެޑުންނެވެ.

ޖެނެރޭޓިވް އޭއައި އަށްފަހު، އެ ކުންފުނިން ދެން މިސްރާބު ޖަހާފައިވަނީ "އެޖެންޓިކް އޭއައި" (agentic AI) އަށެވެ. އެގޮތުން، މި މަހުގެ ފަހުކޮޅު ރާއްޖެއާއި ބައިނަލްއަޤްވާމީ ބާޒާރަށް "އަކީމާ އޭއައި" (Akema.ai) ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއީ ކުންފުނިތަކުގެ ލިޔެކިޔުންތަކުން އަމިއްލައަށް ދަސްކޮށް، 50 އަށް ވުރެ ގިނަ ބަހުން ކަސްޓަމަރުންނަށް ވެބްސައިޓާއި ފޯނު މެދުވެރިކޮށް ޚިދުމަތްދޭ އަދި އިންސާނުންގެ އެހީތެރިކަން ބޭނުންވާ ޙާލަތްތަކުގައި ސްޓާފުންނަށް ކަންކަން ހަވާލުކުރާ ސްމާޓް އޭޖެންޓެކެވެ.

މީގެއިތުރުން، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ޕްރޮމްޕްޓް އިންޖެކްޝަން ފަދަ ނުރައްކާތަކާއި ނާޒުކު މަޢުލޫމާތުތައް ދެނެގަތުމަށް "ވޯރޑެން" (Warden) ގެ ނަމުގައި އެންޓަރޕްރައިޒް އޭއައި ކޮންޓްރޯލް ޕްލޭނެއް ސިނެޓެކްސް އިން ވަނީ އުފައްދާފައެވެ. މިއީ މުއައްސަސާތަކުގެ ސިޔާސަތުތަކާ އެއްގޮތަށް އޭއައި ބޭނުންކުރުމާއި، އޮޑިޓްކުރުމާއި، ހޭދަ މެނޭޖުކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. ޕީޖީއޯ 2.0 ގެ ދަށުން ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިހާރުވެސް ވޯރޑެން ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ވޯރޑެން ރަސްމީކޮށް ލޯންޗުކުރުމަށް އެޕްރީލް 2027 އަށް ތާވަލުކުރެވިފައިވީ ނަމަވެސް، މިހާރު "އާލީ އެކްސެސް" މެދުވެރިކޮށް މި ޓޫލް ލިބެން އެބަހުއްޓެވެ.

އެމެރިކާގެ ޑެލަވެއަރގައި ރަޖިސްޓްރީކޮށްފައިވާ ސިނެޓެކްސް އިންކްގެ މުއައްސިސުން ކަމަށްވާ އިސްމާޢީލް ކަލީމް، މުޙައްމަދު ދާރިސް އިލްޔާސް އަދި މުޙައްމަދު ޖިނާސް މި މަހުގެ 18 އިން 19 އަށް ހެލްސިންކީގައި އޮންނަ "ސްލަޝް 2026″ ގައި ބައިވެރިވެ، ދުނިޔޭގެ ކުރިއަރާފައިވާ ވެންޗަރ ކެޕިޓަލް އިންވެސްޓަރުންނާއި ޕާޓްނަރުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް [email protected] މެދުވެރިކޮށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ސިލިކަން ވެލީގެ ސްޓާޓްއަޕް ގްރައިންޑް ކޮންފަރެންސްގައިވެސް މީގެ ކުރިން ކާމިޔާބީ ހޯދާފައިވާ މި ކުންފުނި ވެގެން ގޮސްފައިވަނީ ދުނިޔޭގެ ޓެކްނޮލޮޖީގެ ބާޒާރުގައި ދިވެހިރާއްޖެ ފަޚުރުވެރިކަމާއެކު ތަމްސީލުކުރަމުންދާ އުންމީދީ ކުންފުންޏަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *