މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެމްޓީސީސީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުޅުމާލެ 2 ގައި 12،000 އަކަފޫޓުގެ ބިމެއްގައި 25 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސެއް ޑިޒައިންކޮށް، އަމިއްލަ ހަރަދުގައި އިމާރާތްކުރުމަށް (ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން) ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީހަކީ ކުރިއަށް އޮތް އާދިއްތަ ދުވަހެވެ.
މި އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށެވެ. އަދި ދެވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަ ހައުސިން ޔުނިޓުތަކެވެ.
އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މީގެކުރިން "މިހާރު" އަށް ވިދާޅުވެފައިވަނީ، މުވައްޒަފުންގެ ބޯހިޔާވަހިކަމަށްޓަކައި އަޅާ މި ފްލެޓުތަކުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމްޓީސީސީން އަލުން މި މަޝްރޫއު އިއުލާންކުރިއިރު، މީގެ ކުރިން ވެސް މިފަދަ މަޝްރޫއެއް ފެށުމަށް އެ ކުންފުނިން މަސައްކަތްކުރި އެވެ. ނަމަވެސް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ.
އޭސީސީން ތަހުގީގުކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2017 ވަނަ އަހަރު ހުޅުމާލެ 2 ގައި 15 ފަންގިފިލާގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތަކުގެ ތެރެއިން، އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ބޭރުގެ ކުންފުންޏަކަށް ޕޮއިންޓް ދީގެން އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލަ އެވެ. އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހާއި ކުރީގެ އިސް ވެރިންތަކަކަށް ދައުވާކޮށް، އެ މައްސަލަ މިހާރު ވެސް އޮތީ ޝަރީއަތުގެ އިބްތިދާއީ މަރުހަލާގަ އެވެ.
މިދިޔަ ދުވަސްތަކުގައި ދިމާވި މިފަދަ ގޮންޖެހުންތަކަށް ފަހު، އެމްޓީސީސީގެ މުވައްޒަފުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 25 ބުރީގެ އާ ޓަވަރެއް އެޅުމަށް މިހާރު މިވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

