މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލްއަށް ކޮންޓެއިނަރު ގެންދިއުމަށް ފީ ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ. މި ފީ ނަގަން ފަށާނީ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ފީތަކަށް ބަލާއިރު، މާލެ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލްއަށް 20 ފޫޓުގެ ކޮންޓެއިނަރ ގެންދިއުމަށް ނަގާނެ ފީއަކީ، 1500 ރުފިޔާއެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރ ގެންދާނެ އަގަކީ، 3000 ރުފިޔާކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން މަޑުމަޑުން ޚިދުމަތްތައް ބަދަލު ކުރުމުގެ މަސައްކަތް ދަނީ، ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރު މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ވަނީ ފަށާފައެވެ.
މާލޭ ވިޔަފާރި ބަނދަރަކީ، 1986ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުވުމުގެ ފައިދާ އާންމު ރައްޔިތުންނަށްވެސް ކުރާނެއެވެ. މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގު ތިރިވުމަށްވެސް މަގުފަހިވާނެއެވެ. މި ބަދަލަކީ، ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މުޅި އިޤުތިޞާދާއި ގުޅިފައިވާ ބަދަލެކެވެ. ސަރުކާރުގެ އަމާޒަކީ، ތިލަފުށީ ބަނދަރު 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް އެއްކޮށް ނިންމުމެވެ.

